ކޮވިޑްގެ ދަތި ދުވަސްތަކުގައި ވެސް ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދީފައިވަނީ ނުހަނު ރަނގަޅަށް ކަމަށާއި، މިކަމުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުޅަދާނަކަން ހާމަވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީއިން މިހާރު ކުރިއަށް ގެންދާ "މިނިވަންކަމުގެ ދިފާއުގައި- ދިވެހީން" ކެމްޕޭނުގައި ބައިވެރިވުމަށް އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކަށް ވަނީ ދައުވަތު ދީފަ އެވެ.

އިދިކޮޅު ކޯލިޝަނުން ސިޔާސީ ހަރަކާތްތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައި މިނިސްޓަރު މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު ދައްކަމުންދާ ވާހަތަކުން ރިޔާސީ އިންތިޚާބު އައުމުގެ މާކުރިން ބަލި ގަބޫލުކޮށްފައިވާކަން ދޭހަވާ ކަމަށެވެ. ކޮވިޑްގެ ދަތި ދުވަސްތަކުގައި ވެސް ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދީފައި ވަނީ ނުހަނު ރަނގަޅަށް ކަމަށާއި، މިކަމުން ވެސް ރައީސް ސޯލިހުގެ ކުޅަދާނަކަން ހާމަވެފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"އިދިކޮޅުޕާޓީގެ ބައެއް އިސް ބޭފުޅުން “ނާވާދަވެރި” ގޮތަކަށް ބަސް ވިދާޅުވުމުން ދޭހަވަނީ އިންތިޚާބު އިއުލާނުކުރުމުގެ މާކުރިން އެވެރިން ބަލި ގަބޫލު ކޮށްފިކަން. ރައީސް ޞާލިޙު ހަމަމޮޅީ! އެކޮނުމީ ފުލުގަޖައްސާލި ކޮވިޑުތެރޭ ވެސް ޤައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން ޖޭ ވާހާ މޮޅަށް." ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު މައުސޫމު މިހެން ވިދާޅުވީއިރު ކޮވިޑްގައި ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްފައިވާ ގޮތުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި މިދުވަސްކޮޅުގައި ސަރުކާރުން ބޮޑެތި ލޯނުތަކެއް ނަގާފައިވާ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި މިނިސްޓަރު މައުސޫމުގެ ޓުވީޓަށް ވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ފޮނުއްވި ދައުވަތު ގަބޫލުނުކުރައްވާ ކަމަށް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ބުނެފައިވާއިރު ރައީސް މައުމޫނުގެ އެމްއާރުއެމުން މިއަދު ޖަވާބެއް ދެއްވާނެ އެވެ.