މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލި މައްސަލަ ނުބަލަން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަންގަވާފައިނުވާ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފުރަތަމަ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމަރު މިހެން ވިދާޅުވީ، ރާއްޖެ އެމްވީގައި ގެެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ ނުބަލަން ރައީސް ޔާމީން އުމަރު ނަސީރަށް މެސެޖް ކުރެއްވިކަން ހާމަވެއްޖެކަމަށް ބުނެ ލިޔެފައިވާ ޚަބަރާއި ގުޅިގެނެވެ.

އުމަރު ވިދާޅުވީ މީޑިއާތަކުގައި ރިލްވާނު މައްސަލާގައި ފަތުރާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފް ދޮގުވާހަކައެއް ކަމަށާއި ރައީސް ޔާމީން ދުވަހަކުވެސް ރިލުވާންގެ މައްސަލަ ނުބެލުމަށް އަންގަވާފައި ނުވާކަމަށެވެ.

"މި މައްސަލަ ނުބެލުމަށް ނުވަތަ ހުއްޓާލުމަށް ރައީސް ޔާމީން ދުވަހަކުވެސް އަޅުގަނޑު ކައިރީ ވިދާޅުވެފައެއް ނުވޭ. މިއީ ކަނޑައެޅިގެން 'އޯވަވެލްމް'ގެ މާނަ އޮޅޭ ގޮތަށް ލިޔެފައިވާ ޚަބަރެއް." އުމަރު ނަސީރު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވެ އެވެ،

ނޫސްވެރިޔާ ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 8ވަނަ ދުވަހުން ފެށިގެންނެވެ. އެ މައްސަލަ ބަލައި، އެކަމުގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރެވިފައި ވަނީ ވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

އެގޮތުން ރިލްވާން ގެއްލުވައިލި މައްސަލައިގައި ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރި އެވެ. އޭގެ ތެރެއިން ސުއައިދު ސީރިއާގެ ހަނގުމައިގައި މަރުވެފައިވާ ކަމަށް ބުނާ އިރު، ދެން ތިބި ދެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހުގައި އުފެއްދެވި މަރު ކޮމިޝަނުން ރިޟްވާން ގެއްލުވާލި މައްސަލަ ބެލުމަށްފަހު ވެސް އެއްވެސް އާ ފަރާތަކަށް ދައުވާ ނުކުރެއެވެ. އަދި ކޮމިޝަނުގެ ރިޕޯޓުން އެނގިގެން ދިޔައީ ކުރީ ސަރުކާރުން އެ މައްސަލާގައި ދައުވާ އުފުލި ފަރާތްތަކަކީ އެކަމުގައި ޝާމިލުވާ މީހުން ކަމެވެ. 2019 ވަނަ އަހަރު އެ މައްސަލައިގެ ރިޕޯޓު އާންމު ކުރުމަށް މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ އޭރުގެ ރައީސް، އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ހުސްނުއް ސުއޫދު ވަނީ އެ މައްސަލައާއި ރައީސް ޔާމީނާ ގުޅުވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް އިއްޔެ ވެސް ރައީސް ޔާމީން ވަނީ ރިޔާސީ މަރު ކޮމިޝަނަށް ހާޒިރު ކޮށްފަ އެވެ. ނަމަވެސް ތަހުގީގުގައި ސުވާލު ކުރުމުން އެމަނިކުފާނު ހުންނެވީ ހަނު ކަމަށް އެ ކޮމިޝަނުން އިއްޔެ ވަނީ މައުލޫމާތު ދެއްވާފަ އެވެ.