ޖިންސީ ގޯނާގެ އެތަކެއް ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓަށް ހާޒިރުވުމަށް ސުޕްރީމް ކޯޓުން އެންގިނަމަވެސް ހާޒިރުވެފައި ނުވާތީ މި މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އަޑު އެހުން ލަސްކޮށްފި އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުމުގަައި ބައިވެރިވުމަށް އޮގަސްޓް ދެވަނަ ދުވަހު ރާއްޖެ އައުމަށް އަލީ ވަހީދަށް ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަަ ދުވަހު ސްޕްރީމް ކޯޓުން ޗިޓް ފޮނުވާފަ އެވެ.

އެހެން ނަމަވެސް އެ ދުވަހުގެ އަޑު އެހުމަށް އަލީ ވަހީދު ހާޒިރުވެފައި ނުވާތީ އެ މައްސަލައިގެ އަޑު އެހުން މިމަހުގެ އެގާރަ ވަނަ ދުވަހަށް ވަނީ ފަސްކޮށްފަ އެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށް މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގެންދަވަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތު ކުރެވިފައިވާ އަލީ ވަހީދު ވަނީ ފުރުވާލެވިފަ އެވެ.

އޭގެ ފަހުން، ބޭސް ފަރުވާއަށް ދިން މުއްދަތު ހަމަވެފައިވާއިރު ވެސް އަލީ ވަހީދު އެނބުރި އައިސްފައެއް ނުވެ އެވެ. މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ އާންމުން އަންނަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ.