ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން، އެމަނިކުފާނުގެ ގާނޫނީ ވަކީލަކަށް ކޮއްކޯފުޅު ނާޒިމް ސައްތާރު ހަމަޖައްސަވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އެޑްރެސް ކުރައްވައި ނަޝީދު ފޮނުއްވާފައިވާ ސިޓީއެއްގައި ލިޔުއްވާފައި ވަނީ އެމަނިކުފާނުގެ ބަޔާނަކަށް އެދޭތީ އެމަނިކުފާނުގެ ފަރާތުން ވަކީލަކަށް ހަމަޖައްސާފައި ވަނީ ނާޒިމް ސައްތާރު ކަމަށެވެ.

ޝަމީމަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ނަޝީދު ވަނީ ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ބަޔާނެއް އަދިވެސް ލިބިވަޑައިނުގަންނަވާ ކަމަށް ޕީޖީ ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވާފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ، ހަމަލާގެ މައްސަލައިގައި އަދިވެސް ނަޝީދުގެ ބަޔާން ތަހުގީގަށް ނުލިބޭ ކަމަށާއި އެ ބަޔާން މުހިންމު ކަމަށެވެ.

ބަޔާން ދިނުމާ ގުޅޭ ގޮތުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގްކުރައްވައި ނަޝީދު ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ ބަހަކަށް ވެސް ބަޔާނަކަށް ވެސް ދައްކަން އޮތީ "ޖާނާއި ހިތާއި މޭ" ކަމަށެވެ. އަދި "ހިތާ މޭ ހިބައިން ދިނުމުން ވެސް ނުވި ނޫންތޯ؟" ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ބައެއް މީޑިއާތަކުގައި ނާޒިމް ސައްތާރު ވިދާޅުވީ ނަޝީދުގެ ބަޔާނެއް ޕީޖީއަށް އަދި ފުލުހުންނަށް ވެސް ހިއްސާކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

މިމައްސަލާގެ ބައެއް ލިޔުންތައް އަދިވެސް ލިބިފައިނުވާ ކަމަށާއި މިކަންކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ޕީޖީއާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި އެމަނިކުފާނުގެ ކޮއްކޯފުޅު ހަމަޖެއްސުމަށް އެދިވަޑައިގެންފައިވާއިރު، ބޮމުގެ ހަމަލާގެ މައްސަލަ ތަހުޤީޤްކޮށް، މިހާތަނަށް ވަނީ ފަސް މީހަކަށް ދައުވާކުރުމަށް ފޮނުވާފަ އެވެ. އަދި އޭގެތެރެއިން ބޮން ގޮއްވާލި އަދުހަމް އަހުމަދު ވަނީ ކުށަށް އިއުތިރާފްވެ، ޕީޖީއާއެކު އެއްބަސްވުމެއްވެސް ހަދާފަ އެވެ.