ރައީސް އިބުރާހިމް މުހައްމަދު ސޯލިހަކީ އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް ވިދާޅުވުން ރައީސް ސޯލިހަށް ތާއީދުކުރައްވާ މެމްބަރުން ނުރުހުން ފާޅުކުރައްވައިފި އެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ހައެއް މެއި ކޮމެޓީގެ މުގައްރިރު އަފީފް ވިދާޅުވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް އެތައް ޒަޚަމެއް ލިބިފައިވީ އިރުވެސް "މާ ބޮޑު ކަމެއް ނުވާ" ކަމާ ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އަދާލަތު ޕާޓިއަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށާއި، ރައީސް ސޯލިހުގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިބީ އަދާލަތު ޕާޓިގެ މެންބަރުން ކަމަށެވެ. އަދި ރައީސް ސޯލިހު ވެސް އަދާލަތުގެ މެންބަރަކަށް ވެވަޑައިނުގަންނަވާ ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށް އަފީފު ވިދާޅުވި އެވެ.

އޭނާ ދެއްކި ވާހަކަތަކަށް ރައްދު ދެއްވާ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުން ރައީސް ސާލިހުގެ އަގުވައްޓާލަން މަސައްކަތް ކުރެއްވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި މިއީ ގައުމަށް މިކަމުން އެއްވެސް ފައިދާއެއްވާނެ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި ގައުމަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ސިޔާސީ ލީޑަރުންގެ އަމިއްލަ އެދުމަށް ވުރެ ގައުމީ މަސްލަތަހު އިސްކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަފީފް ދެއްކި ވާހަކަތަކަށް ރައްދު ދެއްވައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ އެއްވެސް މެންބަރަކަށް ރައީސް ސޯލިހް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ އޮޅިވަޑައިގަންނަވާނަމަ އެވާ ގޮތަކީ އެ މެންބަރެއް އަމިއްލައަށް އޮޅުން ކަމަށެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަދ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެމްޑީޕީގެ އެއްވެސް މަޖިލީސް މެމްބަރަކު އެފަދަ ގޮތަކަށް ވިދާޅުވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. މިއާއެކު އަފީފްއަކީ އެމްޑީޕީ މެމްބަރަކާ މެދުގައި ވެސް ސުވާލު އުފެދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

އަފީފްއަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބެލުމަށް އެމްޑީޕީން އެކުލަވާލި މޭ 6 ކޮމެޓީގެ މުގައްރިރު ވެސް މެ އެވެ.

އަފީފް ގެންދަވަނީ ދޭތެރެ ދޭތެރެއިން ރައީސް ސޯލިހުއަށާއި، ސަރުކާރަށް ނިސްބަތްކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.