ކޮވިޑް 19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީ ރެސްޓޯރެންޓްތަކަށް ގޮސް ކެއުން ހުއްދަ ކޮށްފައި ވާއިރު މި ހާލަތުގައި އެ ހިދުމަތް ހޯދާނަމަ ވިސްނަން ޖެހޭ ބައެއް ކަންކަން ހުންނާނެ އެވެ.

ފުރަތަމަ ކަމަކަށް ދާން ޚިޔާރުކުރާ ރެސްޓޯރެންޓްގެ މައުލޫމާތު ހޯދާށެވެ. އެތަނަކީ އާއްމު އުސޫލުތަކަށް ފެތޭ ކޮވިޑް 19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތެއް އަޅާފައިވާ ތަނެއްތޯ ޔަގީންކުރާށެވެ.

ހަމައެއާއެކު ރެސްޓޯރެންޓަށް ގޮސް އުޅުމުގައި ވެސް ރައްކާތެރިކަން އިސްކުރަން ވާނެ އެވެ. އެގޮތުން ކާ ވަގުތު ނޫނީ މާސްކު އަޅައިގެން އުޅުމާއި ފާހާނާ ފަދަ އާއްމު ތަންތަން ބޭނުންކުރާނަމަ ބޭނުން ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަން ވާނެ އެވެ.

މީގެ އިތުރުން ގައިދުރުކުރުމަކީ ވެސް ރެސްޓޯރެންޓްތަކުގައި މުހިއްމު ކަމެކެވެ. ކާބޯތަކެތި ގެންގުޅޭ ތަނެއްގައި ބަލި ގައިން ގަޔަށް އެރުން ފަސޭހަވާނެ އެވެ.

ވީވަރަކުން އަމިއްލަ ތަކެތި ގެންދިއުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އެގޮތުން ރެސްޓޯރެންޓްތަކުން ދޭ ޓިޝޫ އަދި ސެނިޓައިޒާ ފަދަ ތަކެތި ބޭނުން ކުރުމުގެ ބަދަލުގައި އަމިއްލަ ތަކެތި ގެންގުޅެވިދާނެ އެވެ.

މިފަދަ ކަންކަމުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންވާނެ އެވެ. އާއްމުކޮށް މީހުން އެއްވެ އުޅޭ ތަނެއްގައި ފަރުދީ ޒިންމާ އަދާކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން ވާނެ އެވެ.