މާލޭގައި ގިނަވެގެން ގެންގުޅެވޭނެ އެއްގަމު އުޅަނދުފަހަރުގެ އަދަދާއި އަދި އުމުރު ވަރަށް އަވަހަށް ސިޓީ ކައުންސިލުން ކަނޑައަޅުއްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ ތަރައްގީގެ ޕްލޭން ހެދުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސިޓީ ކައުންސިލުން ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން މައްޗަންގޮޅީގެ ބައްދަލުވުމުގައި ރޭ ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މި މަސައްކަތަކީ މިހާރު ސިޓީ ކައުންސިލާ މަތިކުރެވިފައިވާ މަސައްކަތަކަށް ވީތީ، މާލޭ ސިޓީގައި އެންމެ ގިނަވެގެން ގެންގުޅެވޭނެ އެއްގަމު އުޅަނދުފަހަރުގެ އަދަދު ވަރަށް އަވަހަށް ކަނޑައަޅުއްވައި އިޢުލާންކުރައްވާނެ ކަމަށެވެ. ހަމައެއާއެކު އެކަމާ ގުޅިފައިވާ ދެވަނަ މަސައްކަތެއް ކަމަށްވާ، މާލޭ ސިޓީގައި އެއްގަމު އުޅަނދުފަހަރު ދުއްވޭނެ އެންމެ ދިގު މުއްދަތު ކަނޑައެޅުމުގެ ގޮތުން އެއްގަމު އުޅަނދުފަހަރުގެ އުމުރު ވަރަށް އަވަހަށް ކަނޑައަޅުއްވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މި މަސައްކަތް މިހާރު ލަސްވެފައިވަނީ ޓްރާންސްޕޯޓް އިން ލިބެންޖެހޭ މައުލޫމާތު ނުލިބިގެން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ދެން އޮތް މަގަކުން ވެސް މިކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްގަމު އުޅަނދުފަހަރު ގެންގުޅެވޭނެ އަދަދު ކަނޑައެޅުމުން މާލޭ ސިޓީގެ އުޅަނދުގެ އަދަދު އެއަށް ވުރެ އިތުރުވިޔަ ނުދިނުމަށް ކަނޑައަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅާނެ އެވެ. އަދި އުމުރު ކަނޑައެޅުމުން އެ އުމުރަށް ވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރު އެކަން ތަންފީޒުކުރަން ފެށުމުން މަގުމަތީގައި ނުދުއްވޭނެ އެވެ.