ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ގެނެސް ޖަލަށްލާން އުޅޭކަމުގެ ހުތުމަތު ސަރުކާރަށް ކުރީގެ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކުރައްވައިފި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އެޑީއުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި ޝިފާ މިތުހުމަތުތައް ކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ރައީސް ނަޝީދުއަށް ފިޔަވަޅު އެޅުމަށް ގޮވާލުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގަ އެވެ.
ޝިފާ އިތުރަށް ވިދާޅުވީ ދިވެހިންނަށް ހެޔޮ ވެރިންނަށް އަބަދުވެސް ދިވެހިން ކަން ކޮށްފައިވަނީ ވަރަށް ނުބައިކޮށް ކަމަށެވެ.
"ރައީސް ނަޝީދު އެހާލުގައި އޮންނަވަނިކޮށް ރާއްޖެ ގެނެސް ޖަލަށް ލާން އުޅޭހެން ހީވޭ އެބަ. ދިވެހިންނަށް ހެޔޮ ވެރިންނަށް ދިވެހިން އަބަދުވެސް ކަންކޮށްފައިވަނީ ނުބައިކޮށް،" ޝިފާ ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިވަގުތު އެ މަނިކުފާނު ހުންނެވީ ފަރުވާ ހޯދުމަށް އިގިރޭސިވިލާތުގައި އެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމާ މެދުގައި މިހާރު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
މިިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށްފަހު އެމްޑީޕީގެ ރައީސް ނަޝީދު ރާއްޖެވަޑައިގަތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެދިވަޑައިގެންފަ އެވެ.
މިކަމަށް އިޝާރަތް ކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެއި ހައެއް ކޮމެޓީގެ މުގައްރިރު އަފީފު ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީހެއް އަދި ސާފުވެފައި ނެތް ކަމަށެވެ.