އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ފަސް ޕްރޮޖެކްޓް ހޮވައިފިއެެވެ.

މި ގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:

  • ރ. ކިނޮޅޮހުގެ ވޭސްޓްމެނޭޖްމަންޓް ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމުގެ ނިޒާމެއް ގާއިމްކޮށްދިނުން- ވާފިރު އަހުމަދު
  • ބ. ގޮއިދޫގައި އާންމުން ބޭނުންކުރާނެ ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުން - ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީ
  • ގއ. ކޮލަމާފުށީގެ ސްކޫލުގައި އާރު.އޯ ޕްލާންޓް ބޭނުންކޮށްގެން ދަރިވަރުންނަށް ބޯފެން ފޯރުކޮށްދިނުން - –ޝާމާ ތައްހާން
  • ގދ. ނަޑެއްލާގައި ސޯލާ ބައްތި ހިމަނައިގެން ނޭޗާ ޕާކެއް ތަރައްގީކުރުން –- ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ
  • ފުވައްމުލަށް ސިޓީގެ ޕަބްލިކް ލައިބްރަރީ އަށް ފޮތް ހަދިޔާކުރުން - –ފާތިމަތު ރަޝީދު

ބީއެމްއެލް އިން ބުނީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަަށް މިފަހަރު ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބުނު ކަމަށެވެ. އަދި މި ފިޔަވަހީގައި ހޮވުނު ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް 30 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

"ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ." ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެއް ކަމަށެވެ. އަދި މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. އެގޮތުން ފުރަތަމަ ދެ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާފައިވާއިރު، ތިންވަނަ ފިޔަވަހީގައި އެކަނި ވެސް 10 ޕްރޮޕޯސަލް ހޮވުމަށް އެ ބޭންކުން ވަނީ ނިންމާފަ އެވެ.