ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކުނި ނަގަން ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

މާފަންނުގެ ރައްޔިތުންނާއެކު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ، މަގުމަތީގައި ކުނި ކޮތަޅުތައް ބަހައްޓާފައި ހުރުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި، މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުން އުކާލާ ކުނި ނަގަމުންގެންދާނީ ކުރިއެކޭ އެއްގޮތަށް ގޭގެއަށް ވަދެގެން ކަމަށެވެ.

މިކަމާ ގުޅިގެން ވެމްކޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް 16 އިން ފެށިގެން މާލެ ސަރަހައްދުގެ ގޭގެ އިން ކުނި ނެގުމުގައި އަމަލުކުރަން ފެށި އުސޫލަށް ބަދަލުގެނައި ކަމަށް ބުނެ ފަތުރަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

ހަމައެހެންމެ އެފަދަ ބަދަލެއް އެކުންފުނިން ގެންނަ ނަމަ، އިސް އިދާރާތަކާއި މަޝްވަރާކޮށް ރައްޔިތުންނަށް އަންގައި އިއުލާނުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވެމްކޯއިން އިތުރަށް ބުނީ ވެމްކޯގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމުގައި ހަރަކާތްތެރިއެއް ނުވާނެ ކަމަށެވެ. އަދި ކޮވިޑުގެ މިފަދަ ސިއްހީ ނުރައްކަލުގެ ހާލަތުގައި ކުނި ނެރުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ކުނި ނެރުމަށް ފަރުވާތެރިވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.