އެމްއެމްޕީއާރުސީގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފިއްޔާ ދައުލަތް "އޮރިޔާން ކުރާނެ" ކަމަށް ބުނެފައެއް ނުވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
މަހްލޫފު މިހެން ވިދާޅުވީ ކްލަބް ހައުސް މެދުވެރިކޮށް "ވަގުތު" އޮންލައިން އިން ގެނެސްދިން ޕްރޮގްރާމެއްގައި އޭނާ ދެއްކި ވާހަކަ އޮޅޭ ގޮތަށް މީޑިއާތަކުން ހަބަރު ފަތުރާފައިވާ ކަމަށް ބުނެ އެވެ.
މިނިސްޓަރު މަހްލޫފު މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ "ދައުލަތް" މާނަ ކުރައްވާ ގޮތް ސާފު ކޮށްދެއްވާފަ އެވެ.
ޕްރޮގުރާމުގައި ދައުލަތް މާނަކޮށްފައި ވަނީ ދައުލަތުގެ ފަރާތުން ކޯޓުތަކުގައި ވަކާލާތުކުރަން ވަޑައިގަންނަވާ ދައުލަތުގެ ވަކީލުންނަށް ކަމަށް މަހްލޫފު ވިދާޅުވި އެވެ. އަދި ދަންނަވާފައި ވާނީ މި މައްސަލާގައި އެއްވެސް ހެއްކެތް ނެތި ދައުވާ އުފުލައިފިނަމަ، ތަހުގީގަށް ނުފޫޒު ފޯރުވި ފަރާތްތަކުގެ ވާހަތައް ކޯޓުތަކުގައި އޮރިޔާންވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެއްވެސް ހާލެއްގައި ދައުލަތް “އޮރިޔާން ކުރާނެކަމަށް” ބުނެފައި ނުވާނެ ކަމަށް މަހުލޫފް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެއްވެސް ހެއްކެއް ނެތި ދައުވާ ކޮށްފިނަމަ މި ވާހަކަތަކުގެ ހަގީގަތް ކޯޓުން ފަޅާއަރާ 'އޮރިޔާން' ވާނެ ވާހަކަ. 'އޮރިޔާން ކުރާނެކަމަށް' ނުބުނަން. އެއީ ތަހުގީގަށް ނުފޫޒު ފޯރުވި ފަރާތްތައް. ޗެޓްލޮގައި އަދި ދެންހުރި ލިޔެކިއުން ތަކަކީ ވެސް މިމައްސަލަ ވަކިގޮތަކަށް ގެންދަން ދައްކާފަހުރި ވާހަކަ، ރޭގަ ވެސް އެ ވާހަކަ ބުނިން،" އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މި ވަގުތު މަހުލޫފް ހުންނެވީ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގް ކުރުމަށް ރައީސް އިބްރާހިމް ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ލަދުގަންނަވަރުގެ ޗެޓް ލޮގްތަކެއް އެބަ ހުރި ކަމަށް ޔޫތު މިނިސްޓަރު މަހްލޫފު ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާގެ މައްސަލަ ކޯޓަށް ހުށަހަޅައި އޭނާގެ މައްޗަށް ދަޢުވާކޮށްފި ނަމަ އެމްއެންޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އިތުރު އެއްވެސް މީހަކަށް ދައުވާ ނުކުރެވޭނެ ވަރުގެ ކޭސްއަކަށް އެ ކޭސް ވެގެންދާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި މުޅި ދައުލަތް "އޮރިޔާން"ވާނެ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.
މަހޭގެ މައްސަލައެއް އޮތަސް ނެތަސް އޭސީސީގެ ރައީސާ އެސެޓްރިކަވަރީ ގެ ރައީސާ ދެމީހުންގެ މައްސަލައެއް ޗެޓްލޮގަކުން އެގޭނަމަ އެކަން ފޮރުވައިގެން ހުރުމަކީ އިޚްލާސްތެރިކަން ނެތްކަން ސާފުވާކަމެެއް.