ގައުމީ ޔުނިވާސިޓީގައި މިހާރު ފަތުރަން އުޅެނީ ގާނޫނުއަސާސީއާ ޚިލާފް ވިސްނުންތަކެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުން ސޯޝަލްމީޑިއާ ބޭނުންކުރުމުގައި ހިފަހައްޓަން ޖެހޭ އުސޫލުތަކެއް އެކުލަވާލުމަށްފަހު، ސަރުކާރާއި ދެކޮޅަށް ހިޔާލުފާޅުކުރުން މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގަ އެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ގައުމީ ޔުނިވާސިޓީގައި މިހާރު ފަތުރަން އުޅެނީ ގާނޫނުއަސާސީއާ ޚިލާފް ވިސްނުންތަކެއް ކަމަށެވެ. ޔުނިވާސިޓީއަކީ އިލްމީ ވިސްނުމާއި، އިޖުތިމާއީ ވިސްނުން ތަން މިނަށް ހުޅުވާލެވެން ޖެހޭ ތަނަކަށްވާއިރު، ވިސްނުން އަޅުވެރިވާ ގޮތަށް އަމަލު ކުރުމަކީ ގާނޫނީ ރޫހާއި ޚިލާފް ކަމެއް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ގައުމީ ޔުނިވާސިޓީގައި މިހާރު ފަތުރަން އުޅެނީ ގާނޫނުއަސާސީއާ ހިލާފް ވިސްނުންތައް. ޔުނިވާސިޓީތަކަކީ އިލްމީ، ގާނޫނީ އަދި އިޖްތިމާއީ ވިސްނުން ފުޅާކުރަން ދަސްކޮށްދޭން ޖެހޭ ތަންތަން. ޔުނިވަސިޓީން މުވައްޒަފުންނާއި ދަރިވަރުންގެ ވިސްނުން އަޅުވެތިކުރުމަކީ ޣައިރު ގާނޫނީ ކަމެއް،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ޔުނިވާސިޓީ މުވައްޒަފުން ހާމަކުރުން އެކަށީގެންނުވާ ޚިޔާލުތައް ނުވަތަ ކޮންޓެންޓުގެ ތެރޭގައި ގައުމުގެ ހަމަޖެހުމާއި އަމަން ގެއްލިދާނެ ނުވަތަ ޖަގަޑާ ނުވަތަ ގަޑުބަޑުކަމަށް މަގުދައްކައިފާނެ ކޮންޓެންޓް ހިމަނާފައިވެ އެވެ. އަދި އިސްލާމްދީނަށް ތައުހީނުކުރާ ކޮންޓެންޓް ވެސް ވަނީ މި ބާވަތުގެ ކޮންޓެންޓުގެ ތެރޭގައި ހިމަނާފަ އެވެ.

ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ދީނީ އިލްމުވެރިޔާ އަދި އެ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު އިޔާޒް ވަކި ކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ވަނީ ހުށަހަޅާފަ އެވެ.