މާލެއަށް ގެންނަ އެއްގަމު އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށްޓަކައި، މާލެ ސީޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިން ޖާގަތަކަކީ ގަރާޖުގެ ގޮތުގައި ބަލައިގަންނަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީކުރަން ޖެހޭނީ ވަރަށް ބޮޑު އަދަދެއް ދެއްކުމަށްފަހު ގަރާޖެއް ހޯދައިގެން ކަމަށެވެ.

ބޮޑު އަގު ދައްކައިގެން ގަރާޖު ނެގި ނަމަވެސް އެ ގަރާޖުގެ ބޭނުން ނުހިފޭކަން ފާހަގަ ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ވެހިކަލެއް ގެންނަ ފަރާތަކުން އެ ކައުންސިލާއެކު އެއްބަސްވުން ހަދައިގެން ޕާކިން ސްލޮޓްތައް ވެހިކަލް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި ކައުންސިލުން ގަރާޖެއްގެ ގޮތުގައި ދޫކުރާ ޖާގައެއްގެ އަގެއްގެ ގޮތުގައި ސިޓީ ކައުންސިލުން ކަނޑައަޅާފައި ވަނީ 25،000 ރުފިޔާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ގަރާޖުގެ ގޮތުގައި ވިއްކާ ޕާކިން ސްލޮޓް ހުންނަ ސަރަހައްދުގައި އެއްވެސް މަޝްރޫއެއް ހިންގަން ބޭނުން ވެގެން އެތަން ހުސްކުރަން އަންގައިފިނަމަ އެ ސްލޮޓެއް ގަނެފައިވާ ފަރާތަކަށް އެހެން ތަނަކުން ސްލޮޓެއް ދޭނެ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޕާކިން ސްލޮޓް ދޫކުރުމަށް މާލޭގެ ބޮޑެތި މަގުތަކުން ޖާގަ ހުސްކުރާނެ ކަމަށެވެ. އެގޮތުން ފުޅާމިނުގައި 20 ފޫޓު ހުންނަ މަގުތަކުން ޖާގަތައް ހުސްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުއްޔަށް ދޫކުރާ ޖާގަ އިތުރުކުރުމަށް ވެސް ނިންމާފައިވާކަން ޑރ. މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން އަމީނީ މަގުގައި ހުންނަ ޓްރެފިކް ކުޑަ މަގުތަކުގައި ވެސް އިތުރު ޕާކިން ޒޯނުތައް ހަދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ގަރާޖުގެ ގޮތުގައި ޕާކިން ސްލޮޓް ހަމަޖެއްސުމުގެ ފުރުޞަތު އޮންނާނީ މިއަދުގެ ކުރިން މާލެއަށް އެތެރެކޮށްފައިވާ އުޅަނދުތަކަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.