އޮޅުވާލައިގެން ރާއްޖެއަށް ފަތުރުވެރިންތަކެއް ގެނެސް އެ މީހުން މަގުމަތިވި މައްސަލާގައި ތުހުމަތުކުރެވޭ ބިދޭސީ މީހަކު ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮޅުވާލައިގެން ސައްހަ ނޫން ހޮޓެލް ބުކިންތަކެއް ދިނުމުގެ ސަބަބުން މަގުމަތިވި 27 ފަތުރުވެރިއެއްގެ މައްސަލާގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ މެންދަމު 2:00 ހާއިރު ކަމަށް ހަނަފީ ވިދާޅުވި އެވެ. އަދި އަންހެނުންނާއި ކުޑަކުދިން ހިމެނޭ މި ފަތުރުވެރިންގެ ގްރޫޕަށް، އިމިގްރޭޝަނާއި، ޕޮލިހާއި، ރެޑް ކްރެސެންޓު އަދި ހެޔޮއެދޭ ފަރާތްތައް ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ހަނަފީ ވިދާޅުވި އެވެ.
މިކަމުގައި މުހިންމު އެހީތެރިކަމެއް ދެއްވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށާއި އެބޭފުޅާގެ އަނބިކަނބަލުން ނަޒްރާ ނަސީމަށް ހަނަފީ ވަނީ ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.
އެނގިފައިވާ ގޮތުގައި ރޭ ދަންވަރުގެ ވަގުތެއްގައި އެ 27 މީހުން، ހުޅުމާލޭގައި ހުންނަ އެފްއޭއެމްގެ ސްކޫލަށް ބަދަލުކުރެވުނީ ސީދާ މަހުލޫފް އަދި ނަޒްރާގެ އިސްނެންގެވުމުގެ ދަށުންނެވެ.
މިއީ އިންޑިއާއިން ފުރައިގެން ސައުދީ އަރަބިއްޔާއަށް ދިއުމުގެ ކުރިން، ރާއްޖޭގައި 14 ދުވަސް ހޭދަކުރަން އައިސްފައިވާ ބައެކެވެ. މިދުވަސްވަރަކީ މިގޮތަށް ރާއްޖެއަށް ކަރަންޓީނުވުމަށް ގިނަ އަދަދެއްގެ ބަޔަކު އިންޑިއާއިން ރާއްޖެއަށް އަންނަ ދުވަސްވަރެކެވެ.
އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ހިއުމަން ޓްރެފިކިންއާ ފަތުރުވެރިކަމާ ވަރަށް ތަފާތު ވާނެ ކަމަށެވެ.
އެގޮތުން ހުއްދަ ނެތި ތަންތަނުގައި ފަތުރުވެރިން ބޭތިއްބުމަކީ ފަތުރުވެރިކަން ނޫންކަމަށާއި، އެއީ ހިއުމަން ޓެރިފިކިން ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވެފައިވެ އެވެ. އަދި އެފަދަ ކަންކަން ބަލާ ފިޔަވަޅު އަޅާނެކަން ކަމާގުޅޭ އިދާރާތަކުން ހާމަކުރުމުން ހިތްހަމަޖެހުން ލިބޭކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.