އެމްޑީޕީ ހަލާކުވިޔަ ނުދެއްވާނެ ކަމަށާއި އަބަދުވެސް ހުންނަވާނީ އެމްޑީޕީގައިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ތ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ތިމަރަފުއްޓަށް ވަޑައިގެން އެރަށުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕާޓީގެ ތެރޭގައި މިހާރު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ހުންނަވާނީ އެމްޑީޕީގައި ކަމަށެވެ. އަދި އެމްޑީޕީ ހަލާކުވިޔަ ނުދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ކުރިއެރުމަށްޓަކައި ހިންގާ ހަރަކާތްތައް މިހާރަށް ވުރެ ބޮޑަށް އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި އެރަށުގައި ޕާޓީގެ އޮފީހެއް ހެދުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ހަރާކާތްތައް އިތުރުކުރުމާއި ގުޅޭގޮތުން ރައީސް ވަނީ މެމްބަރުންނާއި މަޝްވަރާކުރައްވާފަ އެވެ. ރޭގެ މި ބައްދަލުވުމުގައި ތިމަރަފުށީގައި ތިބި އެމްޑީޕީގެ ގިނަ އަދަދެއް މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވި ނަމަވެސް އެމަނިކުފާނާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އަދި އެމްޑީޕީ ތެރޭގައި ދެ ޕެކްޝަނެއް އުފެދިފައިވާއިރު ރައީސް ނަޝީދު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.