ރައްޔިތުން އެދޭ ކަންތައްތައް ފުރިހަމަ ކޮށްދިނުމަށް ސިޓީ ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މޭޔަރު މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވީ މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ހެންވޭރު މަގުތަށް ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މޭޔަރު މުއިއްޒު އިތުރަށް ވިދާޅުވީ އަލަށް އިންތިޚާބުކުރި ސިޓީ ކައުންސިލަށް މިވީ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެދުނު ކަންކަން ފުރިހަމަކޮށްދީފައިވާނެ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކައުންސިލަށް ޖެއްސުންކުރާ ތަން ކަމަށެވެ.

"ސަރުކާރުގެ ކިބައިން މި ފެނިގެންދަނީ ޖުމްލަ ގޮތެއްގައި އެއްބާރުލުން ކައުންސިލަށް ނުދޭތަން. ކައުންސިލަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ހާއްސަގޮތެއްގައި ޖެއްސުންކުރާތަން. ވަރަށް ހިތާމަކުރަން،" އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވެސް ބައިވެރިވި އެ ބައްދަލުވުމުގައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލަށް ސަރުކާރުން އެއްބާރުލުން ނުލިބޭކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް ރައްޔިތުންނަށް ހިދުމަތް ދިނުމަކީ ކައުންސިލްގެ ބޭނުމެއް ކަމަށާއި އެކަން ކޮށްދިނުމަށް ސަރުކާރުގެ ތެރެއިން އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.

ރައްޔިތުން އެދޭ އަމާޒަށް މާލެ ތަރައްގީކުރަން ބޭނުންވާ ނަމަ ސިޓީ ކައުންސިލުން އެދޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްދިނުމަކީ އެދޭ ކަމެއް ކަމަށާއި ރައްޔިތުން އެދޭގޮތް ދެނެގަނެ، ރައްޔިތުން އެދޭގޮތަށް ސިޔާސަތުތައް ބައްޓަން ވެގެންދާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ކައުންސިލުން ފަށާފައިވާ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަށް ބައެއް ބަދަލުތައް ގެނެސް، މިހާރުގެ ކައުންސިލުން ނިންމާފައި ވަނީ މާލޭގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ހަދާށެވެ. އެކަމަށް ޕްލޭނިން މިނިސްޓްރީގެ ހުއްދައަށް ވަނީ އެދިފަ އެވެ.