"މަވެސް ޕީޕީއެމް"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަތޮޅުތެރެއަށް ކުރަން ނިންމާފައިވާ ދަތުރުތަކުގެ ތެރެއިން އިދިކޮޅު ލީޑާޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ގދ. އަތޮޅަށާއި އައްޑޫ އަތޮޅަށް މިއަދު ފުރާވަޑައިގެންފި އެވެ.

އައްޑޫ އާއި ގދ. އަތޮޅަށް މިއަދު ޕީޕީއެމްގެ ދެ ޓީމެއް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިދަތުރުގެ ބޭނުމަކީ ރައްޔިތުންގެ އަޑު ކައިރިން އޮޅުން ފިލުވައި، ރައްޔިތުންނާއި ގާތުން ބައްދަލުކުރުން ކަމަށެވެ. އަދި މިދަތުރުގައި ދެ އަތޮޅުން ގިނަ ބަޔަކު ޕީޕީއެމްއާއި ގުޅުމަށް ޝައުގުވެރިވެފައި ވާތީ ޕާޓީއަށް މެމްބަރުން ސޮއިކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އައްޑޫއާއި، ހުވަދު އަތޮޅަކީ ސަރުކާރުން ވަރަށް ބޮޑަށް އަޅާނުލައި ދޫކޮށްލާފައިވާ ދެ އަތޮޅު ކަމަށެވެ. އަދި ތަރައްގީގެ ނަމުގައި ރައްޔިތުންނަށް ކުލަ ހުވަފެން ދައިގެން މިސަރުކާރުންވަނީ ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށެވެ.

ޕީޕީއެމްއިން ބުނީ ގދ. އަށް ދަތުރުކުރާ ޕީޕީއެމްގެ ޓީމުން އެ އަތޮޅުގެ ދެ ދާއިރާއަކަށް ދަތުރުކުރާނެ ކަމަށެވެ. އެގޮތުން މިފަހަރު ދަތުކުރާނީ ގައްދޫ އާއި ފަރެސްމާތޮޑާ ދާއިރާ ކަމުގައި ވިދާޅުވި އެވެ. އަދި އައްޑޫއަށް ދަތުރުކުރާ ޕީޕީއެމްގެ ޓީމުގައި ހިމެނޭ ބޭފުޅުން އެ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ އެވެ.

ޕީޕީއެމްގެ ޓީމުތަކުން އަތޮޅުތަކަށް ކުރަމުން ގެންދާ މިދަތުރުތަކުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން އެކުލަވާލާ މެނިފެސްޓޯ އަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވެސް ނިންމާފައިވެ އެވެ. މީގެ އިތުރުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ޕީޕީއެމުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ރައްޔިތުންގެ އެހީތެރި ކަމަށް އެދުމަށް ވެސް ނިންމާފައިވެ އެވެ.