މިސަރުކާރުން އައްޑޫގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތައް ނުފެންނަ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވުމުން އެކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ރައްދު ދެއްވައިފި އެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މުޅި އަތޮޅުގައި ދަތުރުކުރި އިރު ވެސް އައްޑޫގައި ހިނގާ ކަމަށް ވިދާޅުވި 60 ޕްރޮޖެކްޓް ހިނގާ ތަނެއް ނުފެނުނު ކަމަށެވެ.

އެގޮތުން ބަޖެޓުގައި އައްޑޫގައި ހިންގުމަށް ވައުދުވި މަޝްރޫއުތަކާއި އިންޑިއާގެ ލޯނުތަކުން ރައްޔިތުންނަށް ކޮށްދޭން ވިދާޅުވި އެއްވެސް ކަމެއް ތަންފީޒުވަމުންދާ މަންޒަރު ފެނިވަޑައިނުގެންނެވި ކަމަށް ކުރީގެ އިކޮނިމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ސައީދުގެ ޓުވީޓަށް ރައްދު ދެއްވައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫގައި ހިނގާ މަޝްރޫއުތަކުގެ އަދަދަކީ ސައީދު ވިދާޅުވާ ވަރަށް 60 އެއް ނޫން ކަމަށާއި އައްޑޫގައި 70 އަށްވުރެ ގިނަ މަޝްރޫއު ހިނގަމުންދާ ކަމަށެވެ.

"މަނިކުފާނަށް އައްޑޫ ސިޓީ ކައުންސިލަށް ވަޑައިގަތުމަށް ދައުވަތު އަރުވަން، އައްޑޫގައި ހިންގޭ ޕްރޮޖެކްޓްތަކުގެ ތަފްސީލް ލިސްޓެއް ޚިއްސާ ކުރާނަން، އަދި ތަފްސީލް ހިމެނޭ ޕްރެޒެންޓޭޝަނެއް އަރުވާނަން،" މޭޔަރު ނިޒާރު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ އައްޑޫ ސިޓީގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން އެ ސިޓީގެ ކައުންސިލަށް އަރުވާފަ އެވެ.

އެހެން ނަމަވެސް އައްޑޫގެ ގިނަ ރައްޔިތުން ބުނަމުންދަނީ މިސަރުކާރު އައްޑޫގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތަކަކީ ހަމައެކަނި ވާހަކަތަކުން ނިންމާލާ މަޝްރޫއުތަކެއް ކަމަށެވެ. އަދި އައްޑޫއަށް ތަރައްގީ މިސަރުކާރުން ގެންނަތަނެއް ފެނިގެން ގޮސްފައި ނުވާ ކަމަށް ވެސް ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި މި ސަރުކާރުގައި ވެސް ހިނގަމުން ނުދާއިރު، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރަން އެ ގައުމުގެ ކެބިނެޓުން ނިންމުމުން އައްޑޫއަށް އުފަން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ. އަދި އިންޑިއާއިން އައްޑޫ ސިޓީއަށް އަތްގަދަ ކުރުމުގެ ފުރުސަތު މިސަރުކާރުން ދޭ ކަމަށް ވެސް ގިނަ ބަޔަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.