ހުޅުމާލޭގައި ހުރިހާ ރަށްވެހިކަމުގެ ހިދުމަތްތައް ދިނުން ގާނޫނުން ސިޓީ ކައުންސިލުގެ މައްޗަށް ލާޒިމުކުރި ނަމަވެސް އެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައި ނުވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެ އެވެ.

މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ ހުޅުމާލޭ ރައްޔިތުންގެ ބައްދަލުވުން ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި ހުރިހާ ރަށްވެހިކަމުގެ ހިދުމަތްތައް ދިނުން ގާނޫނުން ސިޓީ ކައުންސިލުގެ މައްޗަށް ލާޒިމުކުރާ ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ސަރުކާރުން ފުރުސަތު ފަހިކޮށްދީފައިނުވާ ކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.

މިހާރު ސިޓީ ކައުންސިލަށް ގާނޫނުން ލާޒިމްކުރާ ހިދުމަތްތައް ހުޅުމާލޭގައި ދެމުންދަނީ އެޗްޑީސީން ކަން ފާހަގަ ކުރައްވަމުން މޭޔަރު މުއިއްޒު ވިދާޅުވި މިކަން ބަދަލުކުރަން ޖެހޭ ކަމަށާއި މިކަން ބަދަލުކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އަދި ހުޅުމާލެއަށް ހުރިހާ ހިދުމަތެއް ދިނުމަށްޓަކައި އެ ފުރުސަތު ދެއްވުމަށް ރައީސް އިބްރާހިމް ސޯލިހާ ބައްދަލުކުރައްވާ އެދިވަޑައިގަންނަވާފައިވާ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"އެއްވެސް ގާނޫނީ ހަމައެއް މި އުޑުދަށަކު ނޯންނާނެ މިކަން ކުރުމަށް ސިޓީ ކައުންސިލަށް ހުރަސް އަޅަން ޖެހޭ. އަޅުގަނޑުމެންނަށް އޮތީ ދެ ގޮތެއް، ގާނޫނު ބަދަލުކުރައްވަންވީ ނޫނީ އިހުތިސާސް ބަދަލުކުރައްވަންވީ. ކޮންމެވެސް އެއްގޮތެއް އެބަ ވާންޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެއްގައި އެއްވެސް މަޝްރޫއުއެއް ހިންގޭނީ ކައުންސިލަށް އެނގިގެން ކަމަށް ގާނޫނުގައިވާ ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެޗްޑީސީން ނާންގާ ހުޅުމާލޭގައި އެތައް މަޝްރޫއެއް ހިންގަމުން އަންނަ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ސުޖާއު ވިދާޅުވީ ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ހުޅުމާލޭގެ ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓް ހުޅުމާލެއިން ހެއްދޭނެ ކަމަށެވެ. އަދި ހުޅުމާލޭ މަސްވެރިންނަށް، ފަރުމަސްވެރިން ވެސް ހިމަނައިގެން މަސްވިއްކޭ ގޮތަށް މަސް މަރުކޭޓެއް އިމާރާތްކުރުމަށް ކައުންސިލް ޖަލްސާއަށް އެޖެންޑާ ކުރައްވާނެ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.