މީގެ 48 އަހަރު ކުރިން، 1973 ވަނަ އަހަރު މޭ 14 ވަނަ ދުވަހަކީ ރާއްޖޭގެ ތާރީޚީ ސަފުހާތަކުގައި މާގިނަ ޚާއްސަ ސަމާލުކަމެއް ދެވޭ ދުވަހަކަށް ނުވެދާނެ އެވެ.

ނަމަވެސް ރާއްޖޭގެ ރައީސްކަން އެންމެ ދިގު މުއްދަތަކަށް ކުރެއްވި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް އެ ދުވަހަކީ އާދައިގެ ދުވަހަކަށް ނުވާނެ އެވެ. އެ ދުވަހަކީ ދިވެހި ރާއްޖޭގެ ޖަސްޓިސް ސިސްޓަމްގައި މަޝްހޫރު ގާނޫނުލް އުގޫބާތުގެ 38 ވަނަ މާއްދާގެ ދަށުން ކުށްވެރިވެ ވަޑައިގެން ހަތަރު އަހަރު ދުވަހަށް އަރުވާލުމަށް މައުމޫނަށް ހުކުމް ކުރި ދުވަހެވެ. އެ ކުށަކީ ކުޑަ ކުށެއް ނޫނެވެ. ސަރުކާރަށް ފާޑު ކިއުމެވެ. އެ ކުށަކީ އެއްޒަމާނެއްގައި ވަރަށް ގިނަ ބަޔަކު އޭގެ ޝިކާރަޔަކަށްވެ، އެކި ފެންވަރުގެ އަދަބު ލިބިފައިވާ ކުށެކެވެ.

މައުމޫނުގެ ބައޯގްރަފީ، "އަ މޭން ފޯ އޯލް އައިލޭންޑްސް" ގައި މައުމޫނާ ހަވާލާ ދެއްވައި ލިޔެފައިވާ ގޮތުގައި އެ މަނިކުފާނު އެއްވެސް ކުށެއް ނުކުރައްވަ އެވެ. މާލޭގައި އެ ދުވަސްވަރު މައުމޫނު ވެވަޑައިގެންނެވީ އާންމުންނާއި ޒުވާނުންގެ މެދުގައި އާދަޔާ ޚިލާފު ގަދަރަކާއި އިހުތިރާމެއް ލިބި ވަޑައިގެން ހުންނެވި ބޭފުޅަކަށެވެ.

މައުމޫނަށް ކުރިމަތިވެ ވަޑައިގެންނެވި ސިޔާސީ ދައުވާގެ އަސްލަކީ ވެސް އެއީ އެވެ. މައުމޫނު އޭރު ދިރިއުޅުއްވަމުން ގެންދެވީ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާގެ އާއިލީގެ ކަމަށްވާ އެންދެރިމާގޭގަ އެވެ.

އެ ގޭގައި މައުމޫންގެ އިތުރުން އެންދެރިމާގޭ އައްބާސް އިބްރާހިމް އާއި ސަމަރުބުލޫ އިބްރާހިމް މަނިކު ވެސް އޭރު އުޅުއްވަ އެވެ. އެދެ ބޭފުޅުންނަށް ވެސް މިކުށުގައި ބައިވެރިވުމުގެ އަދަބު ލިބުނެވެ. އައްބާސް އާ ހަވާލާ ދީ އަ މޭން ފޯ އޯލް އައިލޭންޑްސްގައި ލިޔެފައިވާ ގޮތުގައި އެ ދުވަސްވަރު މަޖީދިއްޔާ ސްކޫލު ނިމުނު ބައެއް ކުދިން ރޭގަނޑު އެންދެރިމާގެއަށް ގޮސް ބައެއް ކަހަލަ ސިޔާސީ ވާހަކަ ދައްކައި އުޅުނެވެ.

އެ މީހުން މައިގަނޑު ގޮތެއްގައި ދައްކައި އުޅުނީ ރާއްޖޭގެ ސިޔާސީ ދާއިރާއަށް ބަދަލެއް އަންނަން ޖެހިފައިވާ ވާހަކަ އެވެ.

އައްބާސް ވިދާޅުވި ގޮތުގައި އެ ކުދިންނަށް މައުމޫނު ދެއްވާ ނަސޭހަތަކީ މަޑުން ތިބުމަށެވެ.

މައުމޫނު ވިދާޅުވަނީ ހަމަ ނުޖެހުމުން އުފެދޭނީ ހަމަ ނުޖެހުން ކަމަށެވެ. ކަންތައްތައްތައް އަމިއްލައަށް ބަދަލުވެގެން ދާނޭ ކަމަށް ވެސް މައުމޫނު އެ ކުދިންގެ ގާތުގައި ވިދާޅުވާ ކަމަށް އައްބާސް ވިދާޅުވެފައިވެ އެވެ.

އައްބާސެކޭ އެއްފަދައިން މައުމޫނު ވެސް ވިދާޅުވަނީ އެއީ އެއްވެސް ކަމެއް ވެގެން އައި ހުކުމެއް ނޫން ކަމަށެވެ.

"އެއީ ހަގީގަތުގައި މާބޮޑު ކަމެއް ނޫން. ސަރުކާރަށް ރިޕޯޓް ލިބުނީ އަޅުގަނޑުމެން ގޭގައި ސިޔާސީ ވާހަކަ ދައްކާ ކަމަށް. އޭގެ ބައެއް ވާހަކަތައް ވަނީ އޮޅުވާލައިފައި،" އަމޭން ފޯ އޯލް އައިލޭންޑަށް މައުމޫން ވިދާޅުވެފައިވެ އެވެ.

މައުމޫނު. މަކުނުދޫގައި

ގާނޫނުލް އުގޫބާތުގެ 38 ވަނަ މާއްދާގެ ދަށުން މައުމޫނަށް ކުރެވުނު ސަރުކާރާ ދެކޮޅު ސިޔާސީ ވާހަކަ ދެއްކުމުގެ ދައުވާ ވީ އިސްލާމް ދީނާއި ޝަރީއާއިން މަތީ ތައުލީމް ހާސިލު ކުރައްވައިގެން ހުންނެވި މައުމޫނަށް ކޯޓުގައި އެމަނިކުފާނުގެ ގާބިލުކަން ދައްކަވައިލައްވަން ލިބިވަޑައިގެންނެވި ރަނގަޅު ފުރުސަތަކަށެވެ.

މައުމޫނުގެ ކޮއްކޮ އަބްދުﷲ ހަމީދާ ހަވާލާދީ މައުމޫނުގެ ބަޔޮގްރަފީގައި ވާގޮތުން، ކޯޓުގައި މައުމޫނު ވަރަށް ފުރިހަމައަށް ހެއްކާއެކު ދިފާއުވެ ވަޑައިގެންނެވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ޕަބްލިކް ޕްރޮސެކިއުޓަރަށް ވެސް މައުމޫނުގެ ވާހަކަފުޅުން ހުއްޓުން އެރި އެވެ.

ހަމީދު ވިދާޅުވީ ކިތަންމެ މޮޅަށް މައުމޫނު ކޯޓުގައި ވާހަކަފުޅު ދެއްކެވި ނަމަވެސް މައްސަލަ ނިމުނީ ދިވެހިންގެ ތެރޭގައި މަޝްހޫރު ބަހެއް ކަމަށްވާ "ހުކުމް އޮންނާނީ ހާކިމާގެ އަތުގައި" ކަމަށް ބުނާ ގޮތަށެވެ.

ރައީސް އިބްރާހިމް ނާސިރަށް ކުރިމަތި ވެދާނެ ހުރަހެއް ކަމަށް ބަލައި، މައުމޫނަށް ހުކުމްކޮށް އަރުވާލަން ނިންމުން އެމަނިކުފާނުގެ އޮޓޯބަޔޮގްރަފީގައި ސިފަކޮށްފައި އޮތީ ލިބިވަޑައިގެންނެވި އިތުރު މަގުބޫލު ކަމެއް ކަމަށެވެ.

އަތޮޅުތެރޭގެ ރަށް ރަށާމެދު މާބޮޑު ތަޖުރިބާއެއް ނެތް މައުމޫނު ރާއްޖޭގެ އެންމެ އުތުރުގައި އޮތް އެންމެ އެކަހެރި އެއް ރަށް ކަމަށްވާ ހދ. މަކުނުދުއަށް އަރުވައިލާން ހަމަޖެހުނު ވަގުތު އެ މަނިކުފާނު އެންމެ ބޮޑަށް ބޭނުންފުޅުވެ ވަޑައިގެންނެވީ ރާއްޖޭގެ ރަށްތައް ތަފުސީލުކޮށް ކުރަހާފައިވާ ޗާޓެކެވެ.

އެކަމަށްޓަކައި އެމަނިކުފާނުގެ ރަހުމަތްތެރި އިނގިރޭސި ޓީޗަރެއް ކަމުގައިވާ މިސްޓަ ފޯޑުގެ އެހީތެރިކަމަށް އެދުނެވެ.

ފޯޑަކީ މަޖީދިއްޔާގެ ޓީޗަރަކަށް ވެފައި އެކަހަލަ ޗާޓެއް ކުރަހައިދީފާނެ ފަރާތެއް ފޯޑަށް އެނގިދާނެ ކަމަށް ބައްލަވައިފަ އެވެ. އެ ވަގުތު ފޯޑް ވަރަށް ފަސޭހައިން އެކަން ކޮށްދޭނެ ކުއަޖަކު ހޯއްދަވައި ދެއްވި އެވެ.

އެ ކުއްޖަކަށްވީ މައުމޫނުގެ އެއްބަފާ ކޮއްކޮ ޔާމީނެވެ. ޔާމީނު މައުމޫނު އެދިވަޑައިގެންނެވި ޗާޓް އެމަނިކުފާނު ވަރަށް ފުރިހަމަޔަށް ކުރައްސަވައި ދެއްވި އެވެ. މައުމޫނަށް ކުރެވުނު ސިޔާސީ ހުކުމާ މަކުނުދޫއަށް އަރުވާލެވުން އެއީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ފެށުން ކަމުގައިވާ ނަމަ އެ ހަރަކާތުގެ ޗާޓު ކުރައްސަވައިދެއްވި ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވާނެ އެވެ.

ޔާމީނު ކުރައްސަވައި ދެއްވި ޗާޓު ހިއްޕަވައިގެން މައުމޫނު މަކުނުދޫގައި މާގިނަ ދުވަހަކު ހުންނަވަން ޖެހި ވަޑައެއްނުގެންނެވި އެވެ. ނާސިރުގެ ދީލަތި މައާފަކާއެކު މައުމޫނު މާލެ ގެންނެވި އެވެ. އޭގެ މާގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް ކަމަށް މައުމޫން ވެވަޑައިގެންނެވި އެވެ.

މައުމޫނުގެ ވެރިކަން 30 އަހަރަށް ދިގު ދެމިގެން ދިޔައިރު ވެސް "ހުކުމް އޮންނަނީ ހާކިމާގެ އަތުގައި" ކަމަށް ދިވެހިން ދުށް ދުށުމަށް ބަދަލެއް އައި ކަމަކަށް ނުވެ އެވެ. އެހެން ނަމަވެސް މައުމޫނުގެ ބައޮގްރަފީގައިވާ ގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ވަނީ ސަރުކާރަށް ފާޑު ކިޔައިގެން މީހުނަށް އަދަބު ދިނުމުގެ ސިޔާސަތު ހުއަޓަވައި ލެއްވެވި އެވެ.

މައުމޫނުގެ ވެރިކަން ނިމުމުގެ ދުވަސްތަކެއް ފަހުން އެ މަނިކުފާނުގެ ކޮއްކޯފުޅު ޔާމީނުގެ ވެރިކަމުގައި ވެސް އެމަނިކުފާނަށް ވަނީ ޝަރީއަތެއް ހިންގައި ޖަލަށް ލެވިފަ އެވެ. އެ ފަހަރު ވެސް އެ ކުރެވުނީ ސިޔާސީ ދައުވާ އެއްކަމަށް މައުމޫނު ގަބޫލު ކުރައްވާނެ އެވެ. ހަމަ އެފަދައިން ކުށެއް ނުކުރައްވާ ކަމުގައި ކޯޓުގައި ސާބިތުކޮށް ދެއްވި ކަމުގައި ވިޔަސް ހުކުމް އެއީ ހާކިމާގެ އަތުގައި އޮންނަ އެއްޗެއް ކަމުން ހާކިމާ ބޭނުން ގޮތަކަށް ކަމުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ.

މައުމޫނުގެ ސިޔާސީ ދަތުރަށް ފުރާވަޑައިގެންނެވުމަށް ބޭނުންފުޅުވި ޗާޓް ކުރައްސަވައި ދެއްވި ޔާމީން މިއަދު ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ޝަރީއަތަކީ ވެސް ސިޔާސީ ޝަރީއަތެއް ކަމަށް އެމަނިކުފާނުގެ ވަކީލުންނާއި ސަޕޯޓަރުން ގެންދަނީ ބުނަމުންނެވެ.

މައުމޫނަށް ސިޔާސީ ދައުވާ އެއް ކުރެވި ހުކުމެއް އައިފަހުން 48 އަހަރު ވީ އެވެ.

ރާއްޖޭގެ ވެރިކަން ކުރަމުން އައި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. ގިނަ ޕާޓީތަކެއްގެ މައްޗަށް އެކުލެވޭ ޑިމޮކްރެޓިކް ވެއްޓެއް ވަނީ ގާއިމް ކުރެވިފަ އެވެ. އެހެނަސް ސިޔާސީ ދައުވާއާ ހާކިމާގެ އަތުގައި އޮންނަ ހުކުމަކަށް ބަދަލެއް އައި ކަމަކަށް ނުވެ އެވެ.