ޗައިނާއިން ރާއްޖެއަށް އާ ސަފީރެއްގެ ގޮތުގައި އަންހެން ބޭފުޅަކު ހަމަޖައްސައިފި އެވެ.

އެގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައެޅުވި އާ ސަފީރަކީ ވަންގް ލިޝިން އެވެ. އައު ސަފީރު މިހާރު ރާއްޖެ ވަޑައިގެންފައިވާއިރު އަދި ސަފީރުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުއްވައިފައެއް ނުވެ އެވެ.

ސަފީރު ވަންގް ލިޝިން ވަނީ އެކަމަނާ ސަފީރުކަމަށް އައްޔަންކުރެއްވިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ދިވެހި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ޗައިނާއާއި ރާއްޖޭގެ ރަޙުމަތްތެރިކަމުގެ ގުޅުން އައު އުސްމިންތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި ޖަންގް ލީ ޖޮންގްގެ ސަފީރު ކަމުގެ މުއްދަތުގެ ހަމަވަމުންނެވެ.

ކުރީގެ ސަފީރަކީ ރާއްޖޭގައި މަސައްކަތް ކުރެއްވި ބޭރު ގައުމުތަކުގެ ސަފީރުންގެ ތެރެއިން ވަރަށް މަޝްހޫރު އަދި ގިނަ ދިވެހިން ވަރަށްގާތް ރަހުމަތްތެރި ބޭފުޅެކެވެ.