ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަންޖެހުމާއި، ރަށްރަށުން މާލެގެންނަންޖެހުން މަދުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ފައިޞަލް މިހެން ވިދާޅުވީ މިއަދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން ނައިބް ރައީސް ފައިސަލް ވިދާޅުވީ އައިޖީއެމްއެޗްގައި ތައާރަފުކުރި އައު ޚިދުމަތްތައް އިތުރަށް ފުޅާކުރުމާއި އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކުރާ ޓާޝަރީ ހޮސްޕިޓަލްތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކާ އައިޖީއެމްއެޗް ގުޅިގެން، ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށްރަށުން މާލެއައުން މަދުކުރުމާއި ސިއްހީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުން މަދުކުރެވޭނެ ގޮތަށް އަދިވެސް ބާރުލާ އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ޚާއްޞަކޮށް ޚިދުމަތްހޯދަން އަންނަ ފަރާތްތަކާ މުއާމަލާތުކުރުމުގައި އޯގާތެރިކަން އިސްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދިނުމަށް މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އައިޖީއެމްއެޗްގެ އިސްވެރިން ވަނީ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރުމަތިކުރުމާއި ޚިދުމަތް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ޚިދުމަތްދިނުމުގައި ކުރިމަތިވާ ދަތިތަކާގުޅޭ މަޢުލޫމާތު ނައިބް ރައީސް ފައިސަލްއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން އޮންލައިންކޮށް ގިނަ ޚިދުމަތްތައް ހޯދޭނެގޮތަށް ސޮފްޓްވެއަރއަށް ގެންނަ ބަދަލުތަކާއި ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތްތަކާގުޅޭ މައުލޫމާތާއި މުވައްޒަފުންގެ ދަތިކަމާއި އަދި މާލީގޮތުން ކުރިމަތިވާ ދަތިތައް ހޮސްޕިޓަލުގެ އިސްވެރިން ނައިބު ރައީސާ ހިއްސާކުރެއްވި އެވެ.

ނައިބު ރައީސް ފައިސަލް ވަނީ ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ.

ނައިބު ރައީސް ވަނީ އައިޖީއެމްއެޗްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ވަނީ އައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރާއި ސެންޓަ ފޯ މެންޓަލް ހެލްތަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ޚިދުމަތްދިނުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މާލެއާ އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރި މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ހާއްސަކޮށް ސަރަހައްދީ ހޮސްޕިޓަލްތަކާ ރަށްރަށުގައި އައު ޚިދުމަތްތައް ފެށުމާއި ޚިދުމަތްތައް ފުޅާކޮށް، ސިއްހީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ކުޑަކުރުމަށް އައިޖީއެމްއެޗްއިން ލިބުނު އެއްބާރުލުމާއި ފުރިހަމަ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި އެ ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުންނަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވި އެވެ.