ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލުކުރަމުން ގެންދަނީ ކޯލިޝަންގެ މެނިފެސްޓޯއަށް ކަމަށާއި އެ މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމުގެ ވާހަކަ ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ވާހަކައަކީ ކޯލިޝަން މެނިފެސްޓޯގައި އޮތް ވާހަކައެއް ނޫން ކަމަށެވެ. އަދި ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ހިޔާލާއެކު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ސޯލިހު އަބަދުވެސް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ މިހާރު ކުރިއަށްދާ ބަރުލަމާނީ ޕެޓިޝަނަކީ ވަކި ބަޔަކަށް ފެނިގެން ކުރިއަށްދާ ކަމެއް ކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމު ގެންނަނަމަ އެކަން ކުރެވޭނެ ގޮތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ރައީސަށް ހުށަހަޅާ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ ގްރޫޕްގައި ވެސް އެދިވަޑައިގެންފަ އެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވެސް ވިދާޅުވެފައި ވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ކުރުމަށް ނިންމައިފި ހާލަތެއްގައި ކަމަށެވެ. އަދި އޭގެ ކުރިން ވިދާޅުވެފައި ވަނީ، ވެރިމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ، ވައްދުތައް ފުއްދެވޭތޯ މަސައްކަތް ކުރެއްވުން މިވަގުތަށް އެމަނިކުފާނަށް މާ މުހިންމު ކަމަށެވެ.
ކޯލިޝަން މެނިފެސްޓޯގައި ނެތް ކަމެއް ކޯލީޝަން ސަރުކާރުގެ ރައީސު ތަންފީޒުކުރާކަށް ނުޖެހޭނެ. އެއީ ވާނެ ކަމެއްނޫން. ނިޒާމް ކަނޑައެޅި ނިމިފައި ވަނީ 2018ގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި!