ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އަދާލަތު ޕާޓީން ވަކިވެވަޑައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އާއި ގުޅިވަޑައިގަތުމަށް ނިންމައިފި އެވެ.

ކުރީގެ މިނިސްޓަރު ޝިދާތާ މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ފުރަތަމަ ފިޔަވަޅާއެކު މިހާތަނަށް އުކަމުން ދިޔަ އެންމެހާ ސިޔާސީ ސޮފްހާތައް އުކަމުން ދިޔައީ އަދާތަލު ޕާޓީއާއެކު ކަމަށް ވާތީ ގިނަގުނަ ތަޖުރިބާތަކެއްކުރުމުގެ ފުރުސަތު އެ ޕާޓީއާއެކު ލިބިފައިވާ ކަމަށެވެ.

"އަދި ސިޔާސީ ސަޚުސިއްޔަތު ބިނާ ކުރުމުގައި އަދާލަތު ޕާޓީ އަދާކޮށްދެއްވި ދައުރު ދުވަހަކު ވެސް އަޅުގަނޑަކާ ދުރަކަށް ނުދާނެ. އެ ލިބުނު ހުރިހާ ފުރުސަތުތަކަށް އަދި ޕާޓީގެ މެމްބަރުންނާއި ލީޑާޝިޕުން އަޅުގަނޑަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި ގާތްކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން،" ޝިދާތާ ވިދާޅުވި އެވެ.

މިއަދު އާދެވިފައިވާ ހިސާބުން ސިޔާސީ އިތުރު ހަރުފަތަކާއި ހަމަޔަށްދިޔުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ގަބޫލު ކުރެވޭކަމަށާއި އެހެން ކަމުން މިވަގުތުގެ ހާލަތައް ބަލައި ސިޔާސީ ގޮތުން އިތުރަށް ފުޅާ މަސައްކަތްތަކެއް ކުރުމަށް އާ މިސްރާބަކުން ހިނގަންޖެހޭ ކަމަށް ބެލެވޭ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ. އަދި އުންމީދު މި ކުރަނީ ސިޔާސީ ހަޔާތުގައި އަލަށް މިފަށާ ދަތުރުން ރައްޔިތުންގެ ހައްގުގައި ފުޅާ ދާއިރާއެއްގެ އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެގޮތުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާއި ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް އަޅުގަޑު ނިންމައިފީމެވެ." އަދާލަތު ޕާޓީގައި އިސްކޮށް ހަރަކާތެރިވި ޝިދާތާ ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ކަޑައްތުކުރި ގޮންޖެހުންތަކާއި ހިތްނުތަނަވަސްކަން އެއީ ލިބުނު މުހިންމު ތަޖުރިބާއެއްކަމަށް ޝިދާތާ ވަނީ ވިދާޅުވެފަ އެވެ.