ކަންގަނާ ރަނާއުޓް ލީޑްރޯލުން ފެންނަ ފިލްމު "ތަލައިވީ" މި އަންނަ މަހު ރިލީޒް ކުރާނެކަން އިއުލާނު ކޮށްފި އެވެ.

މިފިލްމަކީ ތަމިލްނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔަލަލީތާގެ ހަޔާތުގެ މައްޗައް ބިނާ ކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ކަންގަނާ ފެނިގެންދަނީ ޖަޔަލަލީތާގެ ރޯލުންނެވެ. ޗީފް މިނިސްޓަރު އަވަހާރަވެފައި ވަނީ 2016 ވަނަ އަހަރު އެވެ.

މި ފިލްމުގައި ޖަޔަލަލީތާގެ ރޯލަށް ފިޓްވުމަށްޓަކައި ކަންގަނާ ވަނީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މިނިސްޓަރުގެ ހަޔާތުގެ އެކި ދުވަސްވަރު ގެނެސްދީފަ އެވެ. މި ފިލްމުގެ ގިނަ ޓްރެއިލާތަކެއް ވެސް މިހާރު ވަނީ ދައްކާލާފަ އެވެ. ގިނަ ބައެއްގެ ބޮޑު ތަރުހީބަކާ މަގުބޫލްކަން މިހާރު ވެސް ފިލްމަށް ވަނީ ލިބިފަ އެވެ.

https://www.youtube.com/watch?v=lKW0PuVIL9w

ކަންގަނާގެ އިތުރު ދެކުނުގެ މަޝްހޫރު ބައެއް ތަރިން ވެސް ކާސްޓުންގެ ގޮތުގައި ހިމެނޭ މި ފިލްމު ތަމަޅަ، ތެލުގޫ އަދި ހިންދީ ބަހުން ވެސް ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމުގެ ސްކްރިޕްޓް ލިޔެފައި ވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ހޯދި "ބަޖްރަންގީ ބައިޖާން"، "މަނީ ކަރްނިކާ" އަދި "ޑާޓީ ޕިކްޗާސް "ގެ ލިޔުންތެރިން ކަމަށްވާ ވިޖެންދަރް ޕްރަސާދާއި ރަޖަތް އަރޯރާ އެވެ.

މި ފިލްމުގެ އިންތިޒާރުގައި ކަންގަނާގެ ސަޕޯޓަރުންގެ އިތުރުން ޖަޔަލަލީތާގެ ވެސް ސަޕޯޓަރުން ތިބީ ކެތްމަދުވެފަ އެވެ.

ކޮވިޑްގެ ސަބަބުން ފިލްމު ސިނަމާގައި ނޭޅުވުމުގެ ސަބަބުން މަޑު ޖައްސާލާފައި ވަނީ ޕޮލިޓިކްސްގައި ފުއްނާބު އުސް ލެޖެންޑެއްގެ ދިރިއުޅުން ސިނަމާގައި ގިނަ ބަޔަކު ބަލާލުމުގެ ފުރުސަތު ދޭން ކަމަށް ޕުރޮޑިއުސަރުން ވަނީ ބުނެފަ އެވެ.

އަންނަ މަހު 10 ގައި ސިނަމާތަކުގައި މި ފިލްމު އަޅުވާނެ އެވެ.