އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަ ނުކުރެވޭގޮތަށް ކުރިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމާފައިވާ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން، ވާދަ ނުކުރެވޭނެ ކަމަށް ނިންމާ އެކަން އަންގަވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި، ފޯމު ހުށަހަޅުއްވާފައި ވަނިކޮށް މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ނިންމައި އެކަން އެމްޑީޕީން އެންގީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އަދި އެ ނިންމުން މުރާޖައާ ކޮށްދިނުމަށް މަހުލޫފުގެ ފަރާތުން ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު އެވެ.

އެކަމާ ގުޅިގެން މަހުލޫފު މީގެ ކުރިން ވިދާޅުވީ، ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނުމުގެ ފުރުސަތު ލިބިފައި، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ.

މަހުލޫފަށް އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމާފައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވެފައި ވާކަމަށް ތުހުމަތުކޮށް ދައުވާކުރަން ފޮނުވުމާ ގުޅިގެންނެވެ. މި މައްސަލައިގައި މަހުލޫފުގެ ތަހުގީގު ގޯސްކަމަށް ރައީސް އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަންނަށް ވެސް ސިޓީއަކުން މިއަދު ވަނީ އަންގާފަ އެވެ.

މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމި ނަމަވެސް ކުރިން އޭނާއާއެކު ކެންޑިޑެސީ ބާތިލު ކުރި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްސަލަ މުރާޖައާ ކުރުމަށް ފަހު، އޭނާއަށް ވާދަ ކުރެވޭނެ ކަމަށް ޕާޓީން ވަނީ ނިންމާފަ އެވެ.