މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަވަން އެންގި ނަމަވެސް އެ ފައިސާ ދައްކަވާފައި ނުވާތީ، އެ މައްސަލަ އެޓާނީ ޖެނެރަލް ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑާކުރުމުގެ ކުށް ސާބިތުވެ، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އޭޖީ އޮފީހުން ބުނިގޮތުގައި ކޯޓުން ހުކުމް ކުރި ނަމަވެސް މިއަދާ ހަމައަށް އައިރު ވެސް ރައީސް ޔާމީން އެ ފައިސާ ދައުލަތަށް ދައްކާފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީނުގެ މައްޗަށް ދައްކަވަން ހުކުމްކުރި ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި މޯލްޑިވް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގައި މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ފޮނުވުމުން އެ ނޯޓިސްއާ އެމަނިކުފާނު ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ޔާމީން އެ ފައިސާ އަދިވެސް ދައްކަވާފައިނުވާތީ އެކަމުގައި ޓެކުސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ޙުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ސިވިލް ކޯޓަށް އިއްޔެ ހުށަހަޅާފައިވާ ކަމަށް ވެސް ބަންޑާރަ ނައިބްގެ އޮފީހުން ބުނެ އެވެ.

އެ މައްސަލައިގަ އެދިފައި ވަނީ، ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ރައީސް ޔާމީންގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރު ކޮށްފައިވާ ފަސް މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދިނުމަށް ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުނެފައިވެ އެވެ.

އެ ގާނޫނުގައި ބުނެފައިވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކުސް ފިޔަވައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލިބެން ޖެހި ނުލިބި ހުރި ފައިސާ ހޯދުމަށް ޝަރީއަތް މެދުވެރިކޮށް މަސައްކަތްކުރުމުގެ އިޚުތިޔާރު ބަންޑާރަނައިބަށް އޮންނަ ކަމަށެވެ.