މައްސަލައެއް އިސްތިއުނާފު ކުރުމަކީ އެ މައްސަލައެއްގެ ހުކުމް ތަންފީޒުކުރުމުން "އޮޓަމެޓިކުން" ފަސްކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުނެފި އެވެ.

ބަންޑާރަ ނައިބްގެ އޮފީހުން މިހެން ބުނެފައި ވަނީ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގުތަކަށް އަރައިގެންފައިކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނުމުން އެކަމާ ރައްދު ދެއްވާ ނެރެފައިވާ ބަޔާނުގައި އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނާ ގުޅިގެން އެކަމަށް ރައްދު ދެއްވާ ބަންޑާރަ ނައިބްގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރުމަށް ފަހު، އެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އިސްތިއުނާފީ ކޯޓުން ނުނެރޭހާ ހިނދަކު، އެ ނިންމުން ތަންފީޒުކުރުމަށް ހުށަހެޅުމަށް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ

ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރުމުން މިހާރު އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތް އަންނަ މަހު ބާއްވަން އެ ކޯޓުން އޮތީ ހަމަޖައްސައިފަ އެވެ. އެކަމަކު ޔާމީންގެ ފަރާތުން ޖޫރިމަނާ ފައިސާ ނުދައްކާތީ އެ ފައިސާ ހޯދަން އެމަނިކުފާނާ ދެކޮޅަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މިއަދު ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

ޖޫރިމަނާގެ ފައިސާ ނުދައްކައިގެން ސިވިލް ކޯޓަށް ހުށަހެޅުމާ ހަމަ އަށް ވެސް، ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އެ ކޯޓުން ނެރެފައި ނުވާ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގައި ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް ހުށަހެޅީ އެ ހުކުމުގެ އިސްތިއުނާފާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނުނިންމާ ވަނިކޮށް ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ ހުކުމްގައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަކީ ތަންފީޒުކުރެވިގެންވާނެ ކަމެއް ނޫންކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު އެކަން ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކަށް ރަސްމީކޮށް ލިޔުމުން އަންގާފައިވާނެކަމަށެވެ.

އިސްތިއުނާފު މައްސަލަ ނިނިމެނީސް ފައިސާގެ މައްސަލަ ކޯޓަށް ހުށަހެޅުމަކީ އެ މައްސަލައިގެ އިންސާފަށް ހުރަސްއެޅުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ

ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ވެސް ދައުލަތުން ކުރެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު އަންނަނީ ހިނގަމުންނެވެ.