ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖެއިން ފުރިހަމަ ކުރި މީހުންގެ އަދަދު 301،078 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު ވެކްސިން އަލަށް 407 މީހަކު ވަނީ ފުރިހަމަ ކޮށްފަ އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 266 މީހުންނާއި، ރަށްރަށުން ދެވަނަ ޑޯޒް ޖެހި 141 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 301،078 އަށް އަރާފަ އެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްސިންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާ އިރު އުންމީދަކީ އަންނަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މީގެ އިތުރުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވަނީ ފަށާފަ އެވެ. ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ހާމަކުރައްވައި ސަރުކާރުން ވަނީ ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީގެ 84 ޕަސެންޓް އަދި 12 އަހަރުން މަތީގެ އާބާދީގެ 81 ޕަސެންޓް ވެކްސިންގެ ޑޯޒެއް ޖަހާފައިވާކަން ހާމަކޮށްފަ އެވެ.