"އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" އަތްމަތީ ފޮތް ނައިބް ރައީސް ފައިސަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފި އެވެ.

މިފޮތް ނައިބު ރައީސް އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަލްޓިޕާޕަސް ހޯލުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ސްކޫލުގައި ހުރިހާ ކުދިންނަށް ވެސް ކިޔެވޭނެ މަގުފަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އަދި އެކަމަށްޓަކައި މިހާރުވެސް ސަރުކާރުން ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއިން ރާއްޖޭގެ އެކި ރައްރަށަށް އަމާޒުކޮށްގެން ހިލޭ ސްކޮލަޝިޕްގެ ފުރުޞަތު ހުޅުވާލާފައިވާކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ފަރާތްތަކުންވެސް މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ނައިބް ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުން މިހާރު ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމުކުރެއްވުމުގެ މަސައްކަތްކުރިއަށް ގެންދަވާ ކަމަށެވެ. އަދި މި ސެންޓަރުގެ ވެސް އަމާޒަކީ އެ ދާއިރާއިން ބޭނުން ޖެހިފައި ތިބި ކުދިންނަށް އިތުރު ތަމްރީނާއި ފަރުވާއާއި މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މި ސަރުކާރުން އެއްވެސް ކުއްޖަކު ބާކީނުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިއަދު ނެރެދެއްވި ފޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ މި ފޮތަކީ ރާއްޖޭގެ ރައްޔިތުންނަށް ދެއްވި އަގުހުރި ހަދިޔާއެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އަދި މި ފޮތުގެ ސަބަބުން ލިބިގެންދާނެ ގިނަގުނަ ފައިދާގެ މައްޗަށް ވެސް މިއަދުގެ ވާހަކަފުޅުގައި އެމަނިކުފާނު އަލިއަޅުއްވާލެއްވެވި އެވެ. ހަމައެއާއެކު މި ފޮތް ތައްޔާރުކުރައްވައި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

"އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" އަތްމަތީ ފޮތުގައި އޯޓިސްޓިކް ކުދިން ދެނެގަންނާނެ ގޮތާއި، އެ ކުދިންގެ ފަރުވާގައި ބޭނުންކުރެވިދާނެ ކަންކަމާއި، އެކުދިން މެނޭޖްކުރުމުގައި ބޭނުންކުރެވިދާނެ އުކުޅުތަކުގެ މަޢުލޫމާތު ހިމަނާފައިވެ އެވެ. މި ފޮތް ތައްޔާރުކޮށްފައިވަނީ އޯޓިޒަމް އެސޯސިއޭޝަންއަށް ދާ ކުދިން ގެންގުޅުމުގައި އެއްކޮށްފައިވާ މައުލޫމާތުގެ އަލީގަ އެވެ. އަދި މި ފޮތް ނެރުމުގެ ބޭނުމަކީ ބެލެނިވެރިންނާއި ކިޔަވައިދޭ ޓީޗަރުން އޯޓިސްޓިކް ކުދިންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ އުކުޅުތަކަށް މީހުން އަހުލުވެރިކުރުވުން ކަމުގައި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވަނީ ފާހަގަކުރައްވާފަ އެވެ.