ކ. މާފުށީ ޖަލަށް އެތެރެކުރަން އުޅުނު 90 އަށް ވުރެން ގިނަ ފޯނާއި ޖަލަށް ވެއްދުން މަނާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭ ފަތިހު ފުލުހުންގެ އިންޓެލިޖެންސާއި މާފުށީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށީ ޖަލަށް ގިނަ އަދަދެއްގެ ތަކެތި ވައްދަން އުޅުނު މީހަކު މާފުށީ މޫދު ސަރަހައްދުން ހައްޔަރުކޮށް އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހާގެ އަތުން އަތުލި އެއްޗެހިތަކުގެ ތެރޭގައި 50 ސްމާޓް ފޯނު، 42 ފޯނު، 109 ފޯނު ޗާޖަރު، 77 ޔޫއެސްބީ ކޭބަލް، 65 ހެޑްސެޓް، 49 ދިރާގު ސިމް، 12 އުރީދޫ ސިމް، 2 ޕެކް ކަޓަރު ތިލަ، 10 މިސްވާކް އަދި އިތުރު ސާމާނު ހިމެނެ އެވެ.

ދޭތެރެ ދޭތެއިން ފުލުހުން އަދި ކަރެކްޝަނުން ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި ޖަލުތަކަށް އެތެރެކުރަން މަސައްކަތް ކުރާ އެއްޗެހި ވަނީ ހޯދާފަ އެވެ.