ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ހުކުމް އިއްވި ގާޒީންގެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ތިން ގާޒީން ވިދާޅުވެފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުން ތިން ފަނޑިޔާރަކު އެ ހުކުމާ ބެހޭ ގޮތުން ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާ ފެށުމާ ގުޅިގެން ޖޭއެސްސީއިން ކުރިއަށް ގެންދާ ތަހުގީގާ ގުޅޭގޮތުން އެކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ޙުސައިން ފާއިޒު ރަޝާދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ އާދަމާއި ޑްރަގް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

"މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް އިސްވެދެންނެވުނު ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ." ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަޙްމަދު ޝަކީލާއި ސުވާލުކޮށް މަޢުލޫމާތު ސާފުކުރެވުނުކަންވެސް ޖޭއެސްސީންވަނީ ބުނެފަ އެވެ. އަދި އެ އޯޑިއޯތަކުގައިކޮށްފައިވާ ތުހުމަތުތައް އެ ދެ ފަނޑިޔާރުންވެސް ދޮގުކުރައްވާފައިވާކަމަށް ޖޭއެސްސީ ބުނެ އެވެ.

ޖޭއެސްސީން ބުނީ، މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، މީޑީގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި ކޮމިޝަނުގެ ފަރާތުން މިހާރުވާނީ އެދިފައި ކަމަށެވެ. އަދި މި ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯތަކުގައި އެފަނޑިޔާރުންކަމަށް ބުނާ ފަނޑިޔާރުން ވަނީ ރުހުންދެއްވާފައި ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ކުރީގެ ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ.

މި އޯޑިއޯތަކާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައި ވަނީ މިއީ ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމުގެ ހެއްކެއް ކަމަށާއި ޔާމީން ވަގުތުން މިނިވަންކުރުމަށް ގޮވާލާފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަގުތު އިސްތިއުފާ ދެއްވުމަށްވެސް އިދިކޮޅުން ވަނީ ގޮވާލައްވާފަ އެވެ.