ކުރީގެ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވި ގާޒީންނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ލީކްވި އޯޑިއޯތަކުގެ ތަހުގީގަށް އެ ގާޒީން އަޑުގެ ސާމްޕަލް ދީފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީއިން ބުނީ މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ކިބައިގައި ކޮމިޝަނުން އެދުމުން، ދައުރުވާ އޯޑިއޯގައި ހިމެނޭ ތިން ފަނޑިޔާރުންގެ އޯޑިއޯ ފުލުހުންނަށް ދެއްވާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުން ތިން ފަނޑިޔާރަކު އެ ހުކުމާ ބެހޭ ގޮތުން ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާ ފެށުމާ ގުޅިގެން ޖޭއެސްސީއިން ކުރިއަށް ގެންދާ ތަހުގީގާ ގުޅޭގޮތުން އެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ފާއިޒު ރަޝާދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ އާދަމާއި ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް އިސްވެދެންނެވުނު ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ،" ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު އަހުމަދު ޝަކީލާއި ސުވާލުކޮށް މަޢުލޫމާތު ސާފުކުރި ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. އަދި އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް އެ ފަނޑިޔާރުން ވެސް ދޮގުކުރައްވާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ހުކުމްކުރުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް ސަރުކާރުން މިހާރު ވަނީ ފުލުހުންގެ ޚިދުމަތަށް ވެސް އަންގާފަ އެވެ.

ކުރީގެ ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ.