ކުރީގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ފަށާފައިވާ ހައުސިން މަޝްރޫއުތަކުގެ ނަށް ބަދަލުކޮށްފައިވަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ނައިބު ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީން ފެއްޓެވި، ހިޔާ މަޝްރޫއުގެ މަސައްކަތްތައް 2017 ވަނަ އަހަރުން ފެށިގެން އަދިވެސް ކުރިޔަށް ދާ ކަމަށާއި އެ މަޝްރޫއުގެ ތަސައްވަރު އޮޅުވާލުމަށް "ވިނަރެސް"ގެ ނަމަށް ބަދަލު ކުރުމުން އެ އޮޅުވާލެވެނީ ރައްޔިތުންނަށް ކަމަށެވެ.

މީގެ އިތުރުން، ސައީދުގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ، މި ސަރުކާރުން ބޯހިޔާވަހި ކަމުގެ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ހުޅުމާލޭގައި ފައްޓަވާފައި ނުވާ ކަމަށާއި ނަން ބަދަލުކުރިޔަކަސް ވައުދެއް ނުފުއްދޭނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވުމަށް ފަހު ކުރީގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ "ހިޔާ" ފްލެޓުތަކާބެހޭ ގޮތުން ތަކުރާރުކޮށް އެކި ފަހަރު އެކި ގޮތް ގޮތައް އެކި ވާހަކަ ދައްކައިފި އެވެ.

ހުޅުމާލޭގައިު ތަރައްގީ ކުރަމުން އަންނަ ފްލެޓްތައް.. ފޮޓޯ: މިހާރު

އެ ވާހަތަކުގައި "ހިޔާ" ގެ 7،000 ފްލެޓުގެ ތެރެއިން ބާކީ އިނީ 6،900 އެއްހާ ފްލެޓް ކަމަށް ވެސް ބުންޏެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓެއް ނެތް ކަމަށް ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވުމުން، ރައްޔިތުން ވަނީ "ހިޔާ" ފްލެޓްގައި ހިމެނޭ އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ހުރި ފްލެޓްތައް ދައްކާލާފަ އެވެ.

ކުރީ ސަރުކާރުން ހިންގި ހިިޔާ މަޝްރޫއުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ހަވާލުކޮށްގެން ބިނާކުރި ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާ ހާއްސަކޮށްފައި ވަނީ ސޯޝަލް ހައުސިން އަށެވެ. މިގޮތުން ވަރަށް ގިނަ ކުންފުނިތަކާއި ހަވާލުކުރި އިމާރާތްތަކުގެ މަސައްކަތުގެ ބޮޑުބައި ނިމިފައި ވީނަމަވެސް ހައުސިން މިނިސްޓަރު އަސްލަމް ވަނީ އެއީ ވުޖޫދުގައި ނެތް އެއްޗެއް ކަމަށް ވިދާޅުވެފަ އެވެ.

އެއް ކޮޓަރީގެ ފްލެޓުތަކަކީ ނެތް އެއްޗެއް ކަމަށް ބުނެ މިހާރު ސަރުކާރުން ވަނީ އެ ފްލެޓުތަކަށް ކުރިމަތިލި ތިން ކެޓެގަރީއެއް އެއްކޮށް އުވާލާފައެއެވެ. އެއާއި އެކު އެތައް ބަޔަކު ވަނީ ބޯހިޔާވަހިކަމުގެ ހައްގުން މަހްރޫމްވެފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް. މިތަނުން ފްލެޓް ލިބުނު ފަރާތްތަކަށް މިހާރު އަންނަނީ ތަޅުދަނޑި ހަވާލުކުރަމުން. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

ހިޔާ މަޝްރޫއާ ގުޅޭ ގޮތުން މި ސަރުކާރުން ކުރި މަސައްކަތަކީ ހަމައެކަނި އެއީއަކީ ވެސް ނޫނެވެ. މި ހުރިހާ ވާހަކަތަކެއް މީޑިއާގައި ދައްކާ މުޅި މައްސަލަ މަސްހުނިގަނޑަކަށް ހަދަމުން ދިޔައިރު، ސަރުކާރުން އައީ ހިޔާގެ އެއްބަސްވުންތަކަށް ބޮޑެތި ބަދަލުތަކެއް ވެސް ގެންނަމުންނެވެ.

އެގޮތުން މިސަރުކާރުން މާލެ ރައްޔިތުންނަށް އަމާޒުކޮށްގެން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފަށާގައިވާ 1،700 ފްލެޓްގެ މަސައްކަތަކީ ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން 2،500 ފްލެޓު އަޅާ ސިނޯ ހައިޑްރޯ އާއެކު ހަދާފައިވާ އެއްބަސްވުން ބަދަލުތަކާއެކު ފަށާފައިވާ މަޝްރޫއެކެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން.

"ހިޔާ" ފްލެޓަކީ ދިރިއުޅެން ރަނގަޅުތަނެއް ނޫން ކަމަށް މިސަރުކާރުން އަންނަނީ ވިސްނައި ދެމުންނެވެ. އެހެން ނަމަވެސް މިސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމެއް ކައިރިވި ނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއްގެ މަސައްކަތް ފެށިފައެއް ނުވެ އެވެ.

މި ސަރުކާރުގެ އަމިއްލާ މަޝްރޫއަކަށް ބަދަލު ކޮށްލައިގެން ބިންގާ އެޅީ ހިޔާ މަޝްރޫއުގެ ދަށުން އަޅާ 2،500 ފްލެޓް މަޝްރޫއުގެ އެވެ. ކުރީ ސަރުކާރުން ފްލެޓު ދިން 2500 މީހުން އެ ލިޔުންތައް ހިފައިގެން އިންތިޒާރުގައިި ތިއްބާ، މި ސަރުކާރުން އެ މަޝްރޫއުގެ އެއްބަސްވުން ބަދަލުކޮށް، މުޅިން އެހެން ބަޔަކަށް "ވިއްކާލަން" ނިންމީ އެވެ.