އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަކުރެއްވޭނެ ކަމަށް އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.

އެ ނިންމުން ނިންމީ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމިއިރު، އެ މަޖިލީހަކީ އެމްޑީޕީގެ ގައުމީ މަޖިލީހުން ދާދިފަހުން އިންތިޚާބުކުރި މަޖިލީހެކެވެ. އެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ރައީސް ސޯލިހަށް ވަފާތެރި މެމްބަރުންނެވެ.

އެގޮތަށް ނިންމީ އަލުން މަހުލޫފްގެ މައްސަލަ އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުން ބެލުމަށް ފަހުގަ އެވެ.

މަހުލޫފަށް އިންތިޚާބަށް ކުރިމަތިނުލެވޭނެ ކަމަށް އެމްޑީޕީން ފުރަތަމަ ނިންމީ އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރި ޤަރާރަކާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަކުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ދައުވާ އުފުލާފައިވާ ނުވަތަ ތުހުމަތުވެފައިވާ އެއްވެސް މީހަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް އެއިރު ފާސްކުރި އެވެ.

އެ ނިންމުން ނިންމުމުން އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހުގައި އެ މައްސަލަ އިސްތިއުނާފުކުރެއްވުމުގެ އިތުރުން އެ މައްސަލަ މަހުލޫފުވަނީ އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފަ އެވެ.

އެ ކޮމިޝަނުން އެ ޕާޓީއަށް އަންގާފައިވަނީ އިންތިޚާބުގައި ވާދަކުރެވޭނެ ފަރާތްތަކުގެ ޝަރުޠުތަކަކީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރަންޖެހޭ ޝަރުތުތަކެއް ކަމަށެވެ.

އެ އިންތިހާބުގައި މަހުލޫފް ވާދަ ކުރައްވަން ނިންމަވާފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މަހުލޫފަށް ވާދަކުރެއްވޭނެ ކަމަށް ޕާޓީގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާއިރު މިހާރުވެސް މަހުލޫފު ހުންނެވީ އޭނާގެ މައްޗަށް ތުހުމަތުވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގަތްކަމުގެ މައްސަލައާ ގުޅިގެން މަޤާމުގެ ޒިންމާއިން އެކަހެރިކޮށްފަ އެވެ. ނަމަވެސް އޭނާއަށް ބަރާބަރަށް މުސާރަ ލިބެ އެވެ.