މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ތުރުކީއަށް ކުރައްވާ ކައުންސިލްގެ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ގުންގްރެން ޑިސްޓްރިކްޓްގެ މޭޔަރު ބުންޔާމީން ޑެމިރުއާ ބައްދަލުކުރައްވައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިބައްދަލުކުރެއްވުން އޮތީ އިއްޔެ ހަވީރު ގުންގޮރެން ޑިސްޓްރިކްޓްގެ ކައުންސިލް އިދާރާގައި ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުމުގައި ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަން ދެއްވާނެ ކަމަށް މޭޔަރު ބުންޔާމީން ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ދެފަރާތުން ހިންގާ ޕްރޮޖެކްޓްތަކާބެހޭ މައުލޫމާތު ބަދަލުކޮށް މި ޕްރޮގްރާމްގައި ހުރި ކަންތައްތަކުގެ ތެރެއިން އިސްލާހު ކުރަންޖެހޭ ކަންކަމާއި، ދެ ފަރާތުން ތަޖުރިބާ ހިއްސާކުރެވޭނެ ކަންކަންކަން ފާހަގަކުރެއްވި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ތުރުކީގެ ކައުންސިލްތަކާ ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާއި މާލޭ ސިޓީގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރަންވާ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ތުރުކީގެ އިސްތަމްބޫލަށެވެ.

ތުރުކީއަށް މިދިޔަ ހުކުރު ދުވަހު ފުރާވަޑައިގަންނަވަމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މި ދަތުރުފުޅުގައި ތުރުކީގެ އެކި ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި މާލޭ ސިޓީގެ ތަރައްގީއަށް ތުރުކީގެ ކަމާބެހޭ ބައެއް ފަރާތްތަކުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެހީ ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަން ހާމަކުރެއްވި އެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ރާއްޖޭގެ ކައުންސިލްތަކާއެކު ގުޅުން ބަދަހިކުރުމުގެ ބައްދަލުވުންތައް ވެސް ބާއްވަން ފަށާފަ އެވެ. އެގޮތުން މާލެ އަތޮޅު ކައުންސިލާ އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މޭޔަރު ވިދާޅުވީ ކުރިއަށްތަނުގައި ތުރުކީވިލާތުގެ އިތުރުން އެހެން ގައުމުތަކުގެ ކައުންސިލްތަކާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އެހެން ކައުންސިލްތަކާއެކު ވެސް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.