ހުޅުމާލޭ ޖަލުގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވި މައްސަލަ ހޫނުވެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ހުޅުމާލެ ޖަލުގައި ހުއްޓާ މަރުވީ ގދ. ވާދޫ، ޖަނަވަރީގެ، މުހައްމަދު އަސްލަމް 40، އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ އޭނާ ރޭ ގާތްގަނޑަކަށް 6:00 ޖަހާ އެހާކަށްހާއިރު ޖަލުގެ ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އިމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ މަރުވެފައިވާ ކަމަށް ރޭ 8:23 ގައި މައުލޫމާތު ދީފައިވާ ކަމަށެވެ.

އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ. އަދި މަރުވިއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫން ކަމަށް ކަރެކްޝަނުން ބުންޏެވެ.

އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެކަން އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.

އަސްލަމްގެ މަރާ ގުޅިގެން ކުއްލި މައްސަލައެއް މަޖިލީހުގެ އިދިކޮޅު ކޯލިޝަނުން ވަނީ ހުށަހަޅައިފަ އެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި މައްސަލާގައި އެދިފައިވަނީ އެ މަރާއި ގުޅިގެން ކަރެކްޝަންސްގެ އިހުމާލެއް ވާ ކަމަށް އާއިލާއިން ތުހުމަތު ކުރާއިރު، ސަރުކާރުން އެކަން ތަހުގީގު ކޮށްދިނުމަށެވެ.

މަޖިލީހަށް މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ އަސްލަމް ނިޔާވިކަން އާއިލާއަށް ނާންގައި، ސިއްރުކުރަން މަސައްކަތް ކުރި ކަމަށް އާއިލާއިން ބުނާކަމަށެވެ. މިގޮތުން އަސްލަމަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނީ އިއްޔެ ހަވީރު 5 ގައި ކަމަށާއި ފަރުވާ ދެނީ ކަމަށް ބުނެ އެތައް އިރެއް ވި އިރުވެސް އެކަމާއި ބެހޭ އިތުރު މައުލޫމާތެއް ކަރެކްޝަންސް އިން ނުދޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އެފަހުން އާއިލާއިން ގަދަކަމުން އަސްލަމް ބާއްވާފައި އޮތް ކޮޓަރިއަށް ވަން އިރު އަސްލަމް މަރުވެ އެތައް އިރެއް ވެފައިވާކަމަށް އާއިލާ އިން ބުނެފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އިންސާނެއްގެ ފުރާނަ ނެތިގެން ދިޔައިރު އެ ފަރާތަށް ވެސް އަންގާފައި ނުވާތީ އާއި، ކަރެކްޝަންގެ މިފަދަ ކަންކަމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައިވާތީ މުހައްމަދު އަސްލަމް ނިޔާވި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގަވައިދެއްވައި، މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވައިދެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން، ބަހުސްކުރައްވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އަސްލަމް މަރުވި މައްސަލަ ތަހުގީގްކޮށް ބެލުމަށް ހިންގަންޖެހޭ މިނިވަން ތަހުގީގެއް މިސަރުކާރުން ހިންގަވާނެ ކަމަށެވެ. އަދި މި މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ލިބުނު ހިސާބުން ވަގުތުން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.