މާލޭ މަގުމަތީގައި ހުރި ކުނިތައް ނެގުމަށްފަހު އެ ކުނިތައް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ދޮރުމައްޗަށް މާލޭ ސިޓީ ކައުންސިލުން ކުނިއެޅި މައްސަލަ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ކުށްވެރި ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފެންނަ ގޮތުގައި މާލޭ ސިޓީ ކައުންސިލްގެ ވެހިކަލަކުން އައިސް، އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ ވެމްކޯގެ ކަލެކްޝަން ޕޮއިންޓްގެ ދޮރުމައްޗަށް ކުނިތައް ބަންޑުންކޮށްލަ އެވެ.

މިކަމުގައި ބައެއް އާއްމުންގެ ފަރާތްތަކުން ވަނީ މިއީ އަމަލުކުރުން ތަހުޒީބީ ގޮތެއް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވެމްކޯގެ ދޮރުމައްޗަށް ކުނިތައް އެޅި މައްސަލައިގައި މާލޭގެ މޭޔަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ‏ވެމްކޯ ދޮރުމައްޗަށް ކުނިއެޅިކަން އެ ބޭފުޅާގެ ސަމާލުކަމަށް ޑެޕިޔުޓީ މޭޔަރު ގެންނެވުމުން، އެކަން ވަގުތުން ރަނގަޅު ކުރުމަށް ވިދާޅުވި ކަމަށެވެ.

"އެއީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނޭ ނާތަހުޒީބު ކަމެއް. އެފަދަކަމެއް ތަކުރާރުވިޔަނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

ވެމްކޯގައި ރަޖިސްޓަރީ ކޮށްފައިވާ ގެތަކުގެ ވަކިވަކި އެޕާޓްމަންޓުތަކުން ރޭ ކުނި ނަގަން ފެށުމާ އެކު، ގޭގެއިން މަގުމައްޗަށް ކުނި ބޭރަށް ނެރުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރާ އެޕާޓްމަންޓުތަކުން އެ އެއްޗެހި ހުރީ މަގުމައްޗަށް ނެރެފަ އެވެ.

މާލޭގެ މަގުމަތީގައި ކުނި ގިނަވެފައި ހުރުމުން މިއަދު ވަނީ މާލެ ސިޓީ ކައުންސިލުން ކުނި ނެގުމުގެ މަސައްކަތް ކޮށްފަ އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ވެމްކޯއާއި ސިޓީ ކައުންސިލުން ވަނީ މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމާއި ގުޅޭގޮތުން އެއްބަސްވުމެއް ހަދައިފައި ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން 2.9 ނުވަތަ ތިން މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ވެމްކޯއަށްދޭ ކަމަށެވެ. އެކަމަކު މަސްއޫލިއްޔަތު އަދާކުރުމުގައި ވެމްކޯ ފެއިލްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މީގެ ކުރިން މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާލޭގެ ކުނީގެ މައްސަލައިގައި މާލެ ސިޓީ ކައުންސިލުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ސިޓީ ކައުންސިލުން ފަސް ނުޖެހޭނެ ކަމަށެވެ.