ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުން ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވެފައިވާތީ، އެކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން، ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއާ ބައްދަލުކޮށްފި އެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އާއި، ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާއިރު، މިބައްދަލުވުމުގައި ވަނީ ރައީސް ޔާމީނަށް ދަށު ކޯޓުން ހުކުމްކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއްކަން ޔަގީންކުރުމަށް ފޮރެންސިކު ތަހުގީގެއް ހިންގުމަށް އެދިފައިވާނެ ކަމަށާއި އަދި އެ އޯޑިއޯތަކުގެ މައްސަލަ އިންސާފުވެރިކޮށް ތަހުގީގު ކޮށްގެން ނޫނީ ރައީސް ޔާމީނަށް އިންސާފުވެރި ހުކުމެއް ނީއްވޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އޯޑިއޯތަކުގެ ފޮރެންސިކް ތަހުގީގު ކުރަން އެދެނީ ބައިނަލްއަގްވާމީ ރަނގަޅު ފަރާތެއް ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ޝަރީއަތާއި ގުޅިގެން އިދިކޮޅުން ގެންދަވަނީ ވަރަށް ބައިވަރު ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައީސް ޔާމީނަށް ކޮށްފައިވަނީ ހަރާމް ދައުވާއެއް ކަމަށް ބުނެ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ. މިގޮތުން، ރައީސް ޔާމީނަށް ހުކުމް ކުރެއްވި ތިން ގާޒީންގެ އޯޑިއޯއެއް ވެސް ވަނީ ލީކުވެފަ އެވެ.
ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މިދިޔަ އާދިއްތަ ދުވަހު މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ. މި ތަހުގީގާ ގުޅޭގޮތުން ޖޭއެސްސީން ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ޙުސައިން ފާއިޒު ރަޝާދުއާ، އެ ކޯޓުގެ ފަނޑިޔާރު އަލީ އާދަމްއާ، ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަމީރުގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.