ނުހައްގުން ފަނޑިޔާރުންގެ ބޮލުގައި ތުހުމަތު އަޅުވާއިރު ފަނޑިޔާރުންނަށް އަދުލުވެރިކަމާއެކު މަސައްކަތް ކުރެވޭނީ ސިޔާސީ މީހުން ޖޭއެސްސީން ބޭރުވުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ވިސާގެ މައްސަލައެއްގައި މިހާރު އިނގިރޭސިވިލާތުގެ ސެންޓެއްގައި ބަންދުކޮށްފައި ހުރި އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވާނުވާ ޖެހުން ނިމުމަކަށް ގެންނާނެ ކަމަށް ވެސް ޕީޖީ ޝަމީމު ވިދާޅުވި ކަމަށާއި ނަމަވެސް އެކަން ވެސް ދިޔައީ ވާނުވާއަށް ކަމަށެވެ. އަދި ނުހައްގުން ފަނޑިޔާރުންގެ ބޮލުގައި ތުހުމަތު އަޅުވާއިރު ފަނޑިޔާރުންނަށް އަދުލުވެރިކަމާއެކު މަސައްކަތް ކުރެވޭނީ ސިޔާސީ މީހުން ޖޭއެސްސީން ބޭރުވުމުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"ދައުލަތުގެ އިހުމާލުން ޗޮކުންދާ ކޮންމެ ކަމެއް ޕީޖީ ޝަމީމު އަޅުވަން މަސައްކަތް ކުރަނީ ފަނޑިޔާރުންގެ ބޮލުގައި. ފަނޑިޔާރުންނަށް އަދުލުވެރިކަމާއެކު މަސައްކަތް ކުރެވޭނީ ސިޔާސީ މީހުން ޖޭއެސްސީން ބޭރުވީމަ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދުގެ ފާޑުކިޔުން ޕީޖީ ޝަމީމަށް ކުރިމަތިވެފައިވާއިރު ފަހަކަށް އައިސް އަލީ ވަހީދު ވަނީ ބޮޑެތި ތުހުމަތުތަކެއް ވެސް ޝަމީމަށް ކުރިމަތިކުރުވައިފަ އެވެ.

އިއްޔެ ކުރެއްވި ޓުވީޓެއްގައި އަލީ ވަހީދު ވިދާޅުވީ ކޯޓުތަކުގައި ސައްޙަ ދަޢުވާ އުފުލަން ނޭނގޭ މީހަކު ޕީޖީއަކަށްލައިގެން އިންސާފެއް ނެތް ކަމަށެވެ.

"ކޮންމެ ދުވަހަކު ފެންނަމުން މިދަނީ ވަގު ފައިސާގެ ދިފާޢީ ވަކީލު ޝަމީމުގެ ނާޤާބިލުކަން. ކަމަކަށް ކަމެއް ކުރަމުންދާކަން. މީހަކު މެރި މީހަކު ސިއްރު ހެކިވެރިއަކަށް ހަމަޖައްސައި، ކޯޓުތަކުގައި ސައްޙަ ދަޢުވާ އުފުލަން ނޭނގޭ މީހަކު ޕީޖީއަކަށްލައިގެން އިންސާފެއް ނެތް،" އަލީ ވަހީދު ވިދާޅުވި އެވެ.

ޕީޖީ ޝަމީމް ގެންދެވި ކަޅުދަބަހުގެ ތަފްސީލު ހަފްތާއެއް ތެރޭގައި ހާމަ ކުރާނެ ކަމަށް ވެސް އަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އަލީ ވަހީދު ހައްޔަރު ކުރީ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. އަދި މުހިންމު ވާހަކަތަކެއް އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ހިއްސާ ކުރައްވާނެ ކަމަށް ބެލެވިފައި އޮއްވާ އޭނާ ހައްޔަރު ކުރީ އެ ބައްދަލުވުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށްނެވެ.

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެ އެވެ. އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފަ އެވެ. އަދި އެ ޖަލު ހުކުމް ތަންފީޒު އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން ހާމަކޮށްފައިވެ އެވެ.