މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަން ޖެހޭ 30 މިލިއަން ރުފިޔާއަކީ މާލެ ސިޓީ ކައުންސިލާއި މިހާރު އޮތް ކައުންސިލުން ހަވާލުވިއިރު ވެސް ނުދައްކާ އޮތް ފައިސާތަކެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވަނީ މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ކަމަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެގައި އެވެ.

މޭޔަރު ޑރ. މުއިއްޒުގެ އިތުރަށް ވިދާޅުވެފައި ވަނީ މި ފައިސާއަކީ ކުރީގައި އޮތް ސިޓީ ކައުންސިލުން ނުދައްކާ އޮތް ފައިސާތަކެއް ކަމަށާއި މިފައިސާ ދެއްކުމަށްޓަކައި، ބަޖެޓަށް އެދިފައިވާނެ ކަމަށެވެ.

"ވެމްކޯއަށް ދައްކަންޖެހިފައިވާ 30 މިލިއަން ރުފިޔާއަކީ އަޅުގަނޑުމެން ކައުންސިލާއި 17 މެއި 2021 ގައި ހަވާލުވިއިރު ވެސް ދައްކަންޖެހިފައިވާ ފައިސާއެއް. އެ ފައިސާ ދައްކަން ބޭނުންވާ ބަޖެޓަށްވާނީ އެދިފައި،" މޭޔަރު ވިދާޅުވި އެވެ.

ގޭގޭގެ ފަންގިފިލާތަކުން އަލުން ކުނި ނަގަން ފަށާފައިވާއިރު ރަޖިސްޓާ ނުކޮށް ތިބި ގިނަ ބަޔަކު ވަނީ މަގު މައްޗަށް ކުނި ނެރެފަ އެވެ. އެ ކުނިތައް ވެމްކޯއިން ނުނެގުމުން ކުނި ނަގާފައި ވަނީ ސިޓީ ކައުންސިލުންނެވެ. އަދި ސިޓީ ކައުންސިލުގެ މުވައްޒިފުން ވަނީ އެ ކުނިތައް ވެމްކޯ ދޮރުމައްޗަށް އަޅާލާފަ އެވެ. އެހެން ނަމަވެސް ފަހު މިކަމުގައި މާލެ ސިޓީ ކައުންސިލުން ވަނީ މައާފަށް އެދިފަ އެވެ.

ކުނީގެ މައްސަލާގައި މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު އަންނަނީ ބަހުގެ ހަމަލާތަކެއް ދެމުންނެވެ. އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިކުރަމުން އަންނަނއިރު މާލެ ސިޓީގެ ސާފު ތާހިރުކަން ރަނގަޅަށް ބެލެހެއްޓެމުން އަންނަތަން ނުފެންނަ ކަމަށް ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ. މިކަމުގައި ވެމްކޯގެ އިހުމާލު ބޮޑު ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.