ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބޭއްތިވުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ "ފިޔަވަތި"ގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފިޔަވަތީގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ.

"ފިޔަވތި"ގައި ހިނގާދިޔަ ހާދިސާ އާއި ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީން އެ އޮފީހަށް މަތިކޮށްފައިވާ ކަމެއް ކަމަަށް ވެސް އެ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

"ގާނޫނޫ ނަމްބަރު 19/2019 އިން މި އޮފީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި މި އޮފީހުން މި ގެންދަނީ އެ ހާދިސާ ގާތުން މޮނީޓަރުކޮށް އިވެލުއޭޓް ކުރަމުންނެވެ." އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ބުނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހާ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"މިހާދިސާ ބައެއް ނޫސްތަކުގައި ގެނައިއިރު ބައެއް ނޫސްތަކުން އެތަނުގައި ތިބޭ ކުދިންގެ ކަރާމާތަށް އުނިކަން އަަންނަހެން ފޮޓޯ އަދި ވީޑިއޯ އާންމުކޮށްފަ އެވެ." އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުގެ ބެލުމުގައި ތިބޭ ކުދިން ބޭތިއްބުމަށް ހުޅުމާލޭގައި ހުންނަ މަރުކަޒު، ފިޔަވަތީގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ތަނުގެ ހާލަތު ބެއްލެވުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް މިއަދު ވަނީ އެ ތަނަށް ޒިޔާރަތްކުރައްވައިފަ އެވެ.