ފިޔަވަތީގައި ތިބޭ ކުދިން ފުރާޅު މަތިން ހޯދަން ޖެހުމަކީ ޖެންޑާ މިނިސްޓްރީ އަދި މިނިސްޓަރު ވެސް ފެއިލްވެފައިވާކަން ހާމަވާ ކަމެއް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ފިޔަވަތިގައި މިހާރު ހިނގަމުން އަންނަ ކަންތައްތަކާއި ގުޅިގެން ވިސާގެ މައްސަލައެއްގައި މިހާރު އިނގިރޭސިވިލާތުގެ ސެންޓެއްގައި ބަންދުކޮށްފައި ހުރި އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރުގެ ޖެންޑާ މިނިސްޓަރާއެކު މުޅި މިނިސްޓްރީ އޮތީ ބޮއްސުންލައި ފެއިލްވެފައި ކަމަށެވެ. އަދި މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް މަގާމުން ވަކިކޮށް، ފިޔަވަތީގެ މައްސަލަތަކުގައި މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ޚާއްސަ އަޅާލުމާ ލޯބި ދޭން ޖެހޭ ކުޑަކުދިން، ފުރާޅު މަތިން ހޯދަން ޖެހުނީމަ ވުޒާރާ އޮތް ހާލު ފެންނަ ކަމަށެވެ.

ފިޔަވަތީގައި ހުކުރު ދުވަހު އިރުއޮއްސުނީއް ސުރެ މައްސަލަ ގަނޑު ބޮޑުވެ، ބައެއް ކުދިން ފުރާޅު މައްޗަށް އަރައި، ދޮރުތައް ހަލާކުކޮށް ހަދާފައިވާއިރު އެ ރޭ ވަނީ އެތަނުގައި އަލިފާން ވެސް ރޯކޮށްލާފަ އެވެ. ފިޔަވަތީގައި ރޯކުރި އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ. މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ފިޔަވަތީގައި ހިނގަމުންދާ ހާދިސާތަކާއި ގުޅިގެން ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، އެ މައްސަލަ އެ އޮފީހުން މޮނިޓާކުރަމުން ގެންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެއްވެސް އިދާރާއަކުން އަދި އާންމު ފަރާތްތަކުން ވެސް ފިޔަވަތީގައި ތިބޭ ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ އާންމު ނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.