ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އޮޅިގެން ބޮޑު މުސާރަ ޖަމާކުރެވުނު މީހުންގެ ތެރެއިން 32 މީހަކު އެ ފައިސާ އަނބުރާ ނުދައްކާ ކަމަށް ފިނޭސް މިނިސްޓްރީން ބުނެފި އެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް އޮޅިގެން ބޮޑު މުސާރަ ޖަމާވުމާ ގުޅިގެން އޭރު ނެރުނު ބަޔާނެއްގައި ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 1،796 މުވައްޒަފަކަށް އޮޅިގެން ފައިސާ ޖަމާކުރެވުނު ކަމަށެވެ.

ފިނޭސް މިނިސްޓްރީން މިއަދު ބުނީ ލިބެން ޖެހޭ މުސާރައަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް މުސާރަ ޖަމާވެފައިވާ ސަރުކާރު މުވައްޒަފުންގެ ތެރެއިން 32 މުވައްޒަފަކު އެ ފައިސާ ދީފައިނުވާ ކަމަށެވެ. މި ފައިސާ އަނބުރާ ނުދައްކާ ފަރާތްތަކަށް ދެން މުސާރަ ޖަމާވާއިރަށް އެބައި ނުކިކޮށްފައި ޖަމާކުރާ ގޮތަށް ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އޮޅުމަކުން މުސާރަ ޖަމާކުރެވުނު މީހުންގެ ތެރެއިން ބައެއް މީހުންނަށް 70،000 ރުފިޔާ ޖަމާކުރެވިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އޮޅިގެން މުސާރަ ޖަމާކުރެވުނީ މުސާރަ ޝީޓުގެ އަދަދުތައް އިސްފަސް ވުމުން ކަމަށެވެ. މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުސާރައިގެ ކަންކަން މިހާރަށްވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ރާވާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އޮޅިގެން ގިނަ ބަޔަކަށް މުސާރައަށްވުރެ ބޮޑު އަދަދުތަކެއް ފައިސާ ޖަމާވިކަން ފިނޭންސް މިނިސްޓްރީގެ ސަމާލުކަމަށް އައީ އެކަން ހިނގިތާ އެއް ދުވަސް ފަހުންނެވެ. އެކަން ސަމާލުކަމަށް އައުމާއެކު އެ ފައިސާ ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.