ނިމިދިޔަ ސަރުކާރުގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް ޔާމީން އަކީ ދިވެހި ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ އިލްމީ ބޭފުޅެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ހުށަހެޅުނު އެމްއެމްޕީއާރްސީ މައްސަލައިގައި އެމަނިކުފާނަށް ކޮށްފައިވާ ހުކުމަށް ރައީސް ޔާމީން ހުށައެޅި އިސްތިއުނާފު މައްސަލައިގައި ސަރުކާރުގެ ފަރާތުން އިއްޔެ ދެއްކެވި ވާހަކަތަކަށް އެމަނިކުފާނު ކޯޓުގައި ރައްދު ދެއްވާފައިވާ ވީޑިއޯއެއް ރިޓުވީޓް ކުރައްވަމުންނެވެ.

ޝަހީމް ކުރެއްވި ޓުވީޓްގައި ރައީސް ޔާމީންގެ ވެރިކަމުގައި އެ ސަރުކާރުގެ ކެބިނެޓުގައި މަސައްކަތްކުރެއްވި ދުވަސްވަރު ވެސް އެމަނިކުފާނުގެ އިލްމީ ގާބިލިއްޔަތާއި ހުނަރުވެރިކަން ފާހަގަކުރެވިފައިވާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީންއަކީ އުފެއްދުންތެރި ވިސްނުމެއް ލިބިލައްވާފައިވާ ބޭފުޅެއް ކަމަށާއި، ކުޅަދާނަކަން ލިބިގެންވާ ގައުމީ ވިސްނުމުގެ ބޭފުޅެއްކަން ޝަހީމް ފާހަގަކުރައްވާފައިވާއިރު، އެމަނިކުފާނަކީ ވާހަކަދެއްކުންތެރިކަމުގެ ހުނަރުވެސް ލިބިފައިވާ ބޭފުޅެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެމަނިކުފާނަށް އިންސާފު ލިބެންޖެހޭ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށްފައިވާއިރު، އެމަނިކުފާނަށް ކޮށްފައިވާ ހުކުމަކީ ނުހައްގުން، އަދި ސިޔާސީ ނުފޫޒުގެ ދަށުން ކޮށްފައިވާ ހުކުމެއް ކަމަށް ޕީޕީއެމްއާއި ޕީއެންސީން އަންނަނީ ތަކުރާތުކޮށް ބުނަމުންނެވެ.

މިފަދައިން ބުނެ ޕާޓީގެ ގިނަ ބަޔަކު ފާއިތުވި ދުވަސްތަކުގައި މުޒާހަރާކޮށްފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ހުކުމްކޮށްފައިވަނީ ސިޔާސީ ނުފޫޒުގެ ދަށުންކަމަށް ބުނާ ތިން ގާޒީއެއްގެ އޯޑިއޯއެއް ލީކުވެފައިވެ އެވެ. އަދި މިކަމާއި ގުޅިގެން ރައީސް ޔާމީންއަށް ކޮށްފައިވާ ތުހުމަތުގެ ޞައްހަކަމާއިމެދު ގިނަ ސުވާލުތަކެއް ވެސް ޕާޓީގެ މެމްބަރުން ވަނީ އުފައްދާފަ އެވެ.