މިއަދު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓް ލުމުގެ އެތެރޭގެ އިންތިޒާމްތައް ވަރަށް ދޯދިޔާ ކަމަށް މި އިންތިހާބުގައި މާލެ ސިޓީގެ ރައީސް ކަމަށް ވާދަކުރައްވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
އަކްރަމް ވަނީ މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އަކްރަމް ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތް ވަރަށް ދޯދިޔާ ކަމަށެވެ. އަދި ގިނަ ވޯޓު ފޮށިތައް ކައިރީގައި އިނީ އެންމެ އޮފިޝަލެއް ކަމަށާއި، އޭނާ އެކަނި ވޯޓާސް ލިސްޓް ޗެކްކުރަމުން އެހެން މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. އަދި ގައުމީ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ދިޔަ މީހެއްގެ ކަންބޮޑުވުން ހިމެނޭ މެސެޖެއްގެ ސްކްރީންޝޮޓާއެކު ހިއްސާ ކުރައްވާ އަކްރަމް ވަނީ ޓުވީޓް ކުރައްވާފަ އެވެ.
ގައުމީ މަޖިލީހުގެ އިންތިހާބުގައި އަކްރަމް ވާދަކުރައްވަނީ މާލެ ސިޓީ ދާއިރާގެ ރައީސް ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދާޢެކު އަކްރަމް ވާދަކުރައްވާއިރު އޭނާއާ ވާދަކުރައްވަނީ، މާލެ ސިޓީގެ ކުރީގެ މޭޔަރުކަން ވެސް ކުރެއްވި ސިފާ މުހައްމަދެވެ. ސިފާއަކީ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި 90،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އަދި ނިމުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން އެމްޑީޕީ މެންބަރުން ނުކުތް މިންވަރަށް ވުރެ ގިނައިން މި އިންތިޚާބަށް ޕާޓީ މެންބަރުން ނުކުންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ވިދާޅުވެފައިވެ އެވެ.