ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވުމެންޓް (އެމްއާރުއެމް)ގެ އެންމެ މުހިއްމު ތިން މަގާމަށް އިންތިހާބަކާ ނުލައި ތިން ބޭފުޅަކު ހޮވިއްޖެ އެވެ

އެގޮތުން އިންތިހާބަކާއި ނުލައި އެމްއާރުއެމްގެ ޒައީމުގެ މަގާމަށް ރައީސް މައުމޫނު ހޮވިފައިވާއިރު އެޕާޓީގެ ރައީސްގެ މަގާމަށް ހޮވިފައި ވަނީ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނެވެ. އަދި ރައީސް މައުމޫނުގެ އަރިސް ބޭފުޅެއް ކަމަށްވާ ނާދިރާ ހޮވިވަޑައިގެންފައި ވަނީ ޕާޓީގެ ނައިބު ރައީސް (އަންހެން)ގެ މަގާމަށެވެ.

އިންތިޚާބަކާ ނުލައި މި ތިން ބޭފުޅުންނަށް މަގާމު ކަށަވަރުވީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، އެ މަގާމުތަކަށް ޝަރުތު ހަމަވާ އިތުރު ކެނޑިޑޭޓަކުން ކުރިމަތި ނުލުމުންނެވެ.

އެމްއާރުއެމްގެ އެންމެ މުހިއްމު މަގާމުތަކަށް އިންތިހާބަކާ ނުލައި ބޭފުޅުން ހޮވިވަޑައިގެންފައިވުމުން އެޕާޓީގެ އެތެރޭގެ އިންތިހާބުގައި އެހާ ވާދަވެރިކަމެއް ފެނިގެން ނުދެ އެވެ. ހަމައެކަނި ވާދަވެރިކަމެއް އޮތީ އެޕާޓީގެ އަނެއް ނައިބް ރައީސްގެ މަގާމަށް ބޭފުޅަކު ހޮވުމަށެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލައްވާފައިވަނީ މޯލްޑިވް ގޭސްގެ އެމްޑީ ޝަޒައިލް ޝިޔާމާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ އެވެ.