މިއަދު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްލާމާއިލް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކާމިޔާބު ކޮށްފި އެވެ.

މިނިސްޓަރު މަހްލޫފް ކުރިމަތިލެއްވީ ގައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. އަދި މިނިސްޓަރު ފައްޔާޒް ކުރިމަތިލެއްވީ ކުރިން މަޖިލިސް މެމްބަރުކަން ކުރެއްވި ގަމު ދާއިރާގެ ރައީސް ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާދަކުރެއްވީ މެދު ދެކުނު ޕްރޮވިސްގެ ރައީސް ކަމަށެވެ.

މަހްލޫފަށް އެ އިންތިހާބުގައި ވާދަކުރައްވަން ފުރުސަތު ލިބިވަޑައިގެންފައި ވަނީ ވަރަށް ފަހުންނެވެ. އެއީ މަހްލޫފްގެ މައްޗަށް ކުރެވޭ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކޮށްފަ އެވެ.

ތިން ބޭފުޅުން ވެސް ގޮނޑި ކާމިޔާބުކޮށްފައިވާއިރު ތިން ބޭފުޅުންނަކީ ވެސް، އެމްޑީޕީ މިހާރު ބެހިފައިވާ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންއާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ތެރެއިން ރައީސް ސޯލިހް ފެކްޝަންގެ ދެ ބޭފުޅުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިންތިހާބުގައި ކުރީގައި އުޅުއްވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންނެވެ.

އެމްޑީޕީގެ މި އިންތިހާބަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގެ ތެރެއިން އެންމެ ވާދަވެރި އިންތިހާބަށް ވެގެންގޮސްފައި މިވަނީ ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާތީ އެވެ. ބަރުލަމާނީ ނިޒާމުގެ ވާހަކަ ހަރުކޮށް ދެކެވެމުން އަންނައިރު، ރައީސް ނަޝީދު ވަނީ އެމަނިކުފާނު ތާއިދުކުރައްވާނީ ބަރުލަމާނީއަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ކަން ކުރިން ވަނީ އިއުލާންކުރައްވާފަ އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އެތެރޭގެ މި އިންތިހާބު ފެށީ މިއަދު ހެނދުނު އެވެ.

އެމްޑީޕީ ވެރިކަމުގައި އޮންނަ ނަމަ، ޕާޓީގެ ގައުމީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި އެމްޑީޕީގެ ލީޑާޝިޕްއާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ.