އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީ މެމްބަރުންގެ ތެރެއިން ވޯޓުލާފައިވަނީ 50.3 ޕަސެންޓް މީހުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން އާންމުކުރި ވޯޓާސް ލިސްޓުގައި 93,600 އަށް ވުރެ ގިނަ މީހުންނަށް މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ނަމަވެސް މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބެއްވުނު މި އިންތިހާބުގައި ވޯޓުލާފައި ވަނީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 47,100 މެމްބަރެކެވެ. އަދި ޕާޓީގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ނިސްބަތުން ބަލާނަމަ އެއީ 50.3 މެމްބަރުންނެވެ.

ރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އެއް އިންތިހާބަށް މި އިންތިހާބު ވެފައިވާއިރު، މި އިންތިހާބުގައި 97 ދާއިރާއަކަށް 730 ކެނޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ.

މީގެ ތެރެއިން 87 ދާއިރާއެއްގެ ރައީސުންގެ މަގާމާއި، ހަ ޕްރޮވިންސް ރައީސުންގެ މަގާމު ހިމެނެ އެވެ. އަދި ހަތަރު ސިޓީއެއްގެ ރައީސުންގެ މަގާމަށް ވެސް ވޯޓުލުން މި އިންތިހާބުގައި ހިމެނެ އެވެ. އަދި މީގެ ތެރޭގައި އިންތިޚާބަކާ ނުލައި މިހާތަނަށް 165 ކެނޑިޑޭޓުން ހޮވިފައިވެ އެވެ.

އިންތިހާބު ދެބައިވެ، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދުގެ ފެކްޝަނާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނަށް ބެހިގެން ކުރިއަށް ދިޔަ މިއިންތިހާބުގައި ކާމިޔާބު ލިބިފައިވަނީ ރައީސް ސޯލިހްގެ ފެކްޝަނަށްށެވެ. އެގޮތުން ރައީސް ސޯލިހްގެ ތާއީދު ލިބިގެންވާ ގިނަ މެމްބަރުންނެއް ވަނީ މަގާމުތަކަށް އިންތިހާބުވެފަ އިންތިހާބުގައި ކާމިޔާބީ ހޯދާފަ އެވެ.