ހުޅުމާލެ ފޭސް ދޭ ގައި ޕްރައިވެޓް ސްކޫލެއް ގާއިމުކުރުމަށް އައިލެންޑާސް އެޑިއުކޭޝަނާ ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެވެ. އަދި އައިލެންޑާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު އަދުލީ ރަޝީދު އެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ރާއްޖޭގައި މިހާރު ވެސް ގެންދަނީ ހަތަރު ސްކޫލެއް ހިންގަމުންނެވެ. އެއީ ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް އަދި އަމީރު އަހުމަދު ޕްރީ ސްކޫލެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތައް އިތުރުވަމުން އަންނައިރު ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅަން ވަނީ ނިންމައިފަ އެވެ. މިއަދު ހަވާލުކޮށްފައި މިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ތިންވަނަ ސްކޫލްގެ މަސައްކަތެވެ. ފުރަތަމަ ސްކޫލް އަޅަން ހަވާލު ކުރީ މިދިޔަ ފެބްރުއަރީމަހުގައެ އެވެ. މި ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، އަމިންކޮންސްޓަރަކްޝަންއާ، މިއަންނަ އަހަރުގެ މާރިޗް މަހަށް ނިންމާ ގޮތަށެވެ އަދި ދެވަނަ ސްކޫލް މިދިޔަ ޖޫން މަހު އާރްސީސީއާ ހަވާލުކޮށްފައިވެ އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެސަރަހައްދުގައި އަސާސީ ހިދުމަތް ގާއިމްކޮށްފައިނުވާތީ ސަރުކާރަށާއި އެޗްޑީސީއަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.